Fetured Image
އިސްލާމްދީނާއި މުސްލިމުން

ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހު ކުރާ ހެޔޮ ޢަމަލަކަށް ވުރެ، މާތް ﷲގެ ޙަޟްރަތުގައި މާތްކަން ބޮޑު ސަވާބު އިތުރު ޢަމަލެއް ނުވޭ

ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހު ކުރާ ހެޔޮ ޢަމަލަކަށް ވުރެ، މާތް ﷲގެ ޙަޟްރަތުގައި މާތްކަން ބޮޑު ސަވާބު އިތުރު ޢަމަލެއް ނުވާކަމުގައި މިއަދު ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ ”މުސްލިމުންނަކީ އެމީހުންގެ ޢަމަލުތަކާއި، ވަގުތުތަކުގައި، ﷲ ގެ ރުއްސެވުމާއި، ފުއްސެވުމުގެތެރޭގައި އުޅޭ ބަޔެކެވެ. ކުރާ ޢަމަލުތަކުގެ ތެރޭގައި އެންމެ ބަރަކާތް އިތުރު ޢަމަލަކީ، ﷲ އަށް ކިޔަމަންތެރި ވުމުގެ ގޮތުން ކުރާ ޢަމަލުތަކާއި، ހޭދަ ކުރާ ވަގުތުތަކެވެ. އެގޮތުން މި އުއްމަތުގެ ސަލަފުއްޞާލިޙުން މިދުވަސްތަކުގެ ހެޔޮކަން ލިބިގަތުމަށް މާތް ﷲ އަށް އަޅުކަން ކުރެއްވުމުގައި ވަޤުތުތައް ހޭދަ ކުރެއްވިއެވެ. އެއީ މި ދުވަސްތަކުގައި ކުރާ ޞާލިޙު ޢަމަލުތަކުގެ ސަވާބާއި، ދަރުމަ އިތުރުވެ، މަތިވެރިވެގެންވާތީ އެވެ. ކީރިތި ރަސޫލާ ޙަދީޘްއެއްގެ މާނަގަައިވެއެވެ: ”ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގައި ތިބާ ކުރާ ހެޔޮ ޢަމަލަކަށް ވުރެ، އަރަހުށި މާތް ﷲގެ ޙަޟްރަތުގައި މާތްކަން ބޮޑު ސަވާބު އިތުރު ޢަމަލެއް ނުވެއެވެ.“ ބަސްފުޅުން އެނގޭ ގޮތުގައި އިންސާނާ އަހަރުގެ އެހެން ދުވަސްތަކުގައި ކުރާ ހެޔޮ އަމަލުތަކަށް ވުރެ މި ދިހަ ދުވަހުގެ ތެރޭގައި ކުރާ ހެޔޮ ޢަމަލުތަކުގެ ސަވާބު ބޮޑުވެގެން ވެއެވެ.

މިމާތް ދުވަސްތަކުގައި ހެޔޮއަމަލުތަށް ގިނަކުރުމަށް ގޮވާލައްވަމުން އެފަދަ ބައެއް އަމަލުތަކަށް އަލިއަޅުވާލައްވާ ޚުތުބާގައި ވިދާޅުވީ ”ޛިކުރުކުރުމަކީ މަތިވެރިމާތް އަޅުކަމެކެވެ. ކުފުރުގެ ނުބައި އަނދަވަޅަށް ވެއްޓުމުންނާއި، ޝައިޠާނާގެ މަޅީގައި ޖެހުމުންނާއި، ނަރަކައިގެ ވޭންދެނިވި ޢަޛާބުން ރައްކާތެރިކޮށްދޭ ވަރުގަދަ އަށްޑަނައެކެވެ. ﷲ ގެ ރަޙްމަތާއި މަލާއިކަތުންގެ ހެޔޮ ދުޢާ ލިބި، އެކަލާނގެ މަދަދާއި ތައުފީޤު ލިބިގެންދާނެ މަގެވެ.“