Fetured Image
އިސްލާމްދީނާއި މުސްލިމުން

” ތަވީދެއް އަޅައިފިމީހާ ހަމަކަށަވަރުން ޝިރްކު ކޮށްފިއެވެ.”

އެސްފިންނާގެ އަޞްލަކީ މީހަކު އެހެންމީހެއްގެ ކިބައިގައި ހުރި ހުނަރުވެރިކަމެއްފެނި އެކަމަށް މާބޮޑަށް ޙަސަދަވެރިވެ، އޭނާގެ ނުބައި ހިތް އެކަމެއްގެ މައްޗަށް ފޯރުވުމެވެ. ނުވަތަ ފޯރުމެވެ. ޙަސަދަވެރިންގެ ކިބައިން ސަލާމަތްކޮށް ދެއްވުން އެދި ދެންނެވުމަށް އަންގަވާ މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمِن شَرِّ حَاسِدٍ إِذَا حَسَدَ) މާނައަކީ: ” އަދި حسد ވެރިޔަކު حسد ވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ”. އެސްފިންނާޖައްސާ ކޮންމެ މީހަކީ ޙަސަދަވެރިޔެކެވެ. ނަމަވެސް ކޮންމެ ޙަސަދަވެރިޔަކީ އެސްފިންނާ ޖައްސާ މީހެއް ނޫނެވެ. ޙަސަދަވެރިޔާ އަކީ އެސްފިންނާ ޖައްސާ މީހާ އަށް ވުރެ ޢާއްމު މީހަކަށްވާތީވެ، ހަސަދަވެރިޔާ ގެ ނުބައިކަމުން ސަލާމަތްކޮށްދެއްވުމަށް އެދުމުން އެސްފިންނާ ވެރިޔާވެސް އޭގެ ތެރޭގައި ހިމެނިގެން ދާނެއެވެ.

އެސްފިންނާ އަކީ ޖެހޭ އެއްޗެއްކަން ޘާބިތުވާ އެތަށް ޙަދީޘް ތަކެއްވެއެވެ. އޭގެ ތެރޭގައި ބުޚާރީ އާއި މުސްލިމް ޢާއިޝާ ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާ ކުރެއްވި ޙަދީޘް ހިމެނެއެވެ. (كان رسول الله صلى الله عليه وسلم يأمرني أن أسترقي من العين) މާނައަކީ: “އެސްފިންނާ އިން ސަލާމަތްވުމަށް ރުގްޔާ ހެދުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަން ކަމަނާ އަށް އަމުރު ކުރެއްވިއެވެ”.

އަދިވެސް ޙަދީޘް ކެރެއްވިއެވެ. (العين حق ولو كان شيء سابق القدر لسبقته العين) މާނައަކީ: “އެސްފިންނާ އަކީ ޙަގީގަތެކެވެ. ގަދަރަށްވުރެ ކުރިޔަށް އެއްވެސް އެއްޗަކަށް އެރޭނެނަމަ އެސްފިންނާ ކުރިޔަށް އެރީހެވެ”.

((عن عائشة رضي الله عنها قالت : كان يؤمر العائن فيتوضأ ثم يغسل منه المعين) މާނައަކީ؛ “މާތް ﷲ ރުއްސުންލެއްވި އުއްމުލް މުއިމިނީނަ ޢާއިޝާގެ ކިބައިން ރިވާވެގެންވެއެވެ. އެސްފިންނާ ޖައްސާ މީހުން ވުޟޫކޮށްފައި އެފެނުން އެސްފިންނާ ޖެހުނު މީހާ ފެންވެރުވުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަމުރު ކުރެއްވިއެވެ”.

އެސްފިންނާ އިން ސަލާމަތްވުމަށްޓަކައި ކުރަންވީ ކަންތައްތައް :

ސޫރަތުލް ފާތިޙާ، އިޚްލާޞް، ފަލަގި، ނާސި، އަދި އާޔަތުލް ކުރްސީ ކިޔެވުން.

އެސްފިންނާ އިން ސަލާމަތް ވުމަށް ޓަކައި ކިޔުމަށް ސުންނަތުގައި ވާރިދުވެފައިވާ ވިރްދު ތައް ކިޔުން، އޭގެ ތެރޭގައި: (أَعُوْذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ)، (أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لامَّةٍ)، (بِاسْمِ اللَّهِ أَرْقِيكَ مِنْ كُلِّ شَيْءٍ يُؤْذِيكَ مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ اللَّهُ يَشْفِيكَ بِاسْمِ اللَّهِ أَرْقِيكَ)، އަދި ހެދުނާއި ހަވީރުގެ ދުޢާތައް، ނިދަން އޮށޯންނަމުން ކިޔަން ވާރިދުވެފައިވާ ދުޢާތައް، ނިދިން ތެދުވެފައި ކިޔަން ވާރިދުވެފައިވާ ދުޢާތައް ކިޔާ ސަލާމަތްކަން ލިބިގަތުން ހިމެނިގެންވެއެވެ.

ތަވީދު އެޅުމާ ބެހޭގޮތުން  ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ ((من تعلق تميمة فقد أشرك)) މާނައީ ” ތަވީދެއް އަޅައިފިމީހާ ހަމަކަށަވަރު ޝިރްކު ކޮށްފިއެވެ.” އެހެން ރިވާޔަތެއްގައި އައިސްފައިވާބަސް ފުޅެއްގެ މާނައިގައި ވެއެވެ. ” ތަވީދެއް އަޅާފައިވާ މީހަކަށް ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާޙަދީޘް ކުރެއްވިއެވެ. މިއީ ކޮން އެއްޗެއް ހެއްޔެވެ؟” އެހިނދު އޭނާ ދެންނެވިއެވެ. ތިމަން ބަލިކަމުން އަޅާފައިވާ އެއްޗެކެވެ. ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. “ތިޔަ ނަގާށެވެ!  އޭގެ ސަބަބުން ތިބާއަށް ބަލިމަޑުކަން  އިތުރުވުން ނޫނީ ނުވެއެވެ. ތިބާ އަތުގައި ތިޔަވާ ހާލުގައި ތިބާ މަރުވެއްޖެ ނަމަ ތިބާ ދުވަހަކުވެސް ކާމިޔާބު ނުވާނެއެވެ.”

ތަވީދު އަޅާފައިވަނީ ކީރިތި ޤުރްއާނުން ނުވަތަ މާތް ﷲ ގެ ސިފަފުޅުތަކުން ނުވަތަ އެކަލާނގެ އިސްމުފުޅުތަކުން ކަމުގައި ވާނަމަ އެފަދަ އެއްޗެއް އެޅުމާއި މެދު އުންމަތު ސަލަފުންގެ މެދުގައި ޚިލާފެއް ވެއެވެ. ނަމަވެސް އިސްވެދިޔަ ނަބަވީ އިރުޝާދުގައި އެވަނީ ވަކި ބާވަތެއް ތަފާތު ނުކުރައްވައި ޢާންމު ގޮތެއްގައި ތަވީދު އެޅުން ހުއްދަނޫން ކަމުގައި ބަޔާން ކުރައްވާފައެވެ. ވީމާ ތަވީދު އެޅުމަކީ ހުއްދަ ކަމެއް ނޫންކަން ޘާބިތުވެއެވެ.

މިއަރޓިކަލްއަކީ ނޫރުލް އިސްލާމް ވެެބްސައިޓްގައި އައްޝައިޚް މުޙައްމަދު ޢިޔާޟު ލިޔުއްވައިފައިވާ އަރޓިކަލްއެެކެެވެެ.