Fetured Image
އިސްލާމްދީނާއި މުސްލިމުން

އިލާހީ މޭވާގެ ނިޢުމަތްތަކުގެ ތެރެއިން ކަދުރު

މުޅިދުނިޔޭގައިވެސް ޞިއްޙީގޮތުން އެންމެ ފައިދާބޮޑު މޭވާގެ އެއްބާވަތަކީ ކަދުރެވެ. މައިގަނޑު ކެއުމެއްގެ ގޮތުގައި ކުރީ ޒަމާންތަކުގައި ޢާއްމުކޮށް ބޭނުންކޮށްއުޅުނު އެކައްޗަކީވެސް ކަދުރެވެ. ކަދުރަކީ ރުކެއްގައި އަޅާ، ފޮނިރަހަ ހުންނަ މީރު މޭވާއެކެވެ. ކަދުރު ރުއް ޢާއްމުކޮށް ހެދެނީ ނުވަތަ ހައްދާ އުޅެނީ ހޫނުގަދަ ބިންތަކުގައާއި ހަނަފަސް ހިސާބުތަކުގައެވެ. ކަދުރު ރުއް ހިމެނެނީ ދުނިޔޭގައި އެންމެ ޒަމާންވީ އެއްގަހުގެގޮތުގައެވެ. ކަދުރު ރުކުގެ ލަކުޑިއަކީ ވަރަށް ވަރުގަދަ ލަކުޑިއެކެވެ. ކަދުރު ރުކަކީ އޭގެ ބޭނުން ގިނަގޮތްގޮތަށް ހިފާއުޅޭ އުމުރުދިގު ވަރުގަދައަށް ހެދޭ ރުކެކެވެ. ކަދުރު ރުކުގައި ކަދުރު އަޅާތާ ގިނަ އަހަރުތަކަކަށްފަހުގައި ކަދުރު އަޅާ މިންވަރު މަދުވަމުންދެއެވެ. ކަދުރު ރުކަކީ 30 ފޫޓަާއި 75 ފޫޓަށް ހެދިބޮޑުވާ ރުކެކެވެ. ނަމަވެސް މިއަށްވުރެ ދިގުކޮށް އަދި ކުރުކޮށް ހެދިފައިވާ ކަދުރު ރުއްވެސް ހުރެއެވެ. ކަދުރު ރުކުގެ އެއްބައި ފަނުގެ ދިގުމިނުގައި 13 ފޫޓާއި 20 ފޫޓު ހުރެއެވެ. ކަދުރު ރުކުގެ ފަނުގެ ފަތްތައް ބޭނުންކޮށްގެން ތަފާތު ޖަނަވާރުންގެ ކާނާ ތައްޔާރުކުރެވެއެވެ. ކަދުރު ރުކުގެ ބޭނުން އިހުއުޅުނު މީސްތަކުން ވަނީ ގިނަގޮތްގޮތަށް ހިފާފައެވެ. އަދި މިހާރުވެސް ކަދުރު ރުކުގެ ބޭނުން އެކިކަންކަމުގައި ހިފާއުޅެއެވެ.

ކަދުރު ރުއް ގިނަ ޢަދަދަކަށް ހައްދާއުޅޭ ދުނިޔޭގެ ބައެއް ގައުމުތަކުގެ ތެރޭގައި ޢިރާގް، އިރާން، ސަޢޫދީ ޢަރަބިޔާ، މިޞްރު، އުރުދުން، ތޫނިސް، މޮރޮކޯ، އަލްޖީރިއާ، ސޫދާން، އިންޑިއާ އަދި ޕާކިސްތާން، ހިމެނެއެވެ. ކަދުރު ރުކުގެ އަޞްލު އުފެދިގެން އައިސްފައިވަނީ ކޮންހިސާބަކުން ކަމެއް ކަނޑައެޅިގެން އެނގެންނެތް ކަމުގައި ފާހަގަކޮށްލަންޖެހެއެވެ. އެހެންނަމަވެސް ކަދުރު ރުކުގެ އަޞްލު އުފެދިގެން އައިސްފައިވަނީ (ފާރިސްކަރަ) މިހާރުގެ އިރާންއިން ކަމުގައި ބުނެވެއެވެ. ކަދުރުގެ ތެރޭގައި ތަފާތު އެތައް ވައްތަރުގެ ކަދުރު ހުރެއެވެ. ކަދުރުގެ ތެރެއިންވެސް ގިނަބަޔަކު ޢާއްމުކޮށް ދަންނަ އެއްވައްތަރަކީ އަޖުވާ ކަދުރެވެ.

އަޖުވާ ކަދުރާއި ބެހޭގޮތުން ރަސޫލާ ﷺ ކުރައްވާފައިވާ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ.

ސަޢުދު އިބްނު އަބީ ވައްޤާސް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. ”ހެނދުނު 7 އަޖުވާ ކަދުރު ކައިފިމީހަކަށް އެދުވަހަކު ވިހައެއް ނުވަތަ ސިޙުރެއްގެ ގެއްލުމެއް ނުވާހުއްޓެވެ“. (صحيح مسلم، باب:٣٦، حديث:٢١٣)

އަދިވެސް އެހެން ޙަދީޘްބަސްފުޅެއްގެ މާނައިގައިވެއެވެ.

”ހަމަކަށަވަރުން (އަލް ޢާލިޔާ) އޭ ކިޔުނު ސަރަޙައްދުގެ ޢަޖުވާ ކަދުރުގައި ޝިފާއެއް އެކުލެވިގެންވެއެވެ. އަދި ހަމަކަށަވަރުން، ހެނދުނު އެންމެ ފުރަތަމަ(ހުސްބަނޑާއިހުރެ) ކައިފިނަމަ އެއީ ވިހަތަކާއި ދެކޮޅަށް މަސައްކަތްކުރާ ބޭހެކެވެ“ (مسلم، مشكاتل مصابيح ،باب:٢١، حديث:٣٠)

ކަދުރުގެ ވާހަކަ ކީރިތި قرآن ގައި އެއްފަހަރަށްވުރެ ގިނަފަހަރު އަދި މާތް ރަސޫލާ މުޙައްމަދު ﷺ ގެ ޙަދީޘް ބަސްފުޅުތަކުގައިވެސް ނަންގަނެވިފައިވެއެވެ. އެގޮތުން سورة مريم ގެ 25 ވަނަ އާޔަތުގައާއި، سورة الرعد ގެ 4 ވަނަ އާޔަތުގައާއި އަދި سورة نحل ގެ 67 ވަނަ އާޔަތް ހިމެނެއެވެ. ކަދުރުގެ ވާހަކަ ނަންގަނެވިފައިވާ ޙަދީޘްބަސްފުޅުގެ ތެރެއިން އެއް ޙަދީޘްބަސްފުޅެއްގެ މާނައިގައިވެއެވެ.

ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ﷺ ޙަދީޘްފުޅުކުރެއްވިއެވެ. ”އޭ ޢާއިޝާއެވެ! އެގެއެއްގައި ކަދުރު ނެތް ގެއެއްގެ އަހުލުވެރީން ވަނީ ބަނޑުހައިހޫނުކަމުގައެވެ. އޭ ޢާއިޝާއެވެ! އެގެއްގައި ކަދުރު ނެތް ގެއެއްގެ އަހުލުވެރީން ވަނީ ބަނޑުހައިހޫނުކަމުގައެވެ. ނުވަތަ އެގެއެއްގެ އަހުލުވެރީން ބަނޑުހައިހޫނު ވެދާނެތެވެ“ އެކަލޭގެފާނު މިފަދައިން ދެފަހަރު ނުވަތަ ތިންފަހަރު ޙަދީޘްކުރެއްވިއެވެ. (صحيح مسلم، باب:٣٦، حديث:٢١١)

އަދިވެސް އެހެން ޙަދީޘްބަސްފުޅެއްގެ މާނައިގައިވެއެވެ. ޢަބްދު الله އިބުނު ޖަޢުފަރު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު ﷺ ތާޒާ ކަދުރާއިއެކު ކިއުކަމްބާ ފަރީއްކުޅުއްވާތީ ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. (صحيح مسلم:٢٠٤٣)

ޢާއިޝާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލާ ﷺ ކަރާ ކަދުރާއިއެކު ފަރިއްކުޅުއްވައެވެ. އަދި ވިދާޅުވެއެވެ. މީގެ (ކަދުރުގެ) ހޫނުކަން، މީގެ (ކަރާގެ) ފިނިކަމުން އެއްވަރުކޮށްލަމެވެ. އަދި މީގެ (ކަރާގެ) ފިނިކަން، މީގެ (ކަދުރުގެ) ހޫނުކަމުން އެއްވަރުކޮށްލަދެއެވެ.
(سنن أبي داود، باب: ٢٨، حديث: ١٠١ | حسن)

ކަދުރުގައި ހަށިގަނޑަށް މުޙިއްމު ވަރަށްގިނަ މާއްދާތަކެއް އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި: ކެލަރީ، ޕްރޮޓީންސް، ކާބޯހައިޑްރޭޓްސް، ޑަޔަޓެރީ ފައިބަރ، ސޮލިއުބަލް ފައިބަރ، ކެލްސިއަމް، ސެލީނިއަމް، އަޔަން، މެގްނީޒިއަމް، ޕޮޓޭސިއަމް، މިނަރަލްސް، ޒިންކް، ކޮޕަރ، ފެޓީ އެސިޑްސް، ފޮސްފަރަސް، ވިޓަމިން B5، ވިޓަމިން B6، ވިޓަމިން C، ވިޓަމިން A، ވިޓަމިން K، ވިޓަމިން E, ފެން، ގްލޫކޯސް، ފްރުކްޓޯސް، ސުކްރޯސް އަދި ސޯޑިއަމް ފަދަ މާއްދާތައް ހިމެނެއެވެ. އަދި ކަދުރަކީ އޭގައި އެންޓި ބެކްޓީރިއަލްސް، އެންޓި އޮކްސިޑެންޓްސް އަދި އެންޓި ފަންގަލްސް އެކުލެވޭ ފައިދާބޮޑު މޭވާއެކެވެ.

ކަދުރު ބޭނުންކުރުމުން ޞިއްޙީގޮތުން ލިބިދޭ ބައެއް ފައިދާތަކުގެ ތެރޭގައި:

•ކަދުރުގައި ގިނަ މިންވަރަކަށް ސޮލިއުބަލް ފައިބަރ އެކުލެވިގެންވާތީ ކަދުރު ބޭނުންކުރުމުން ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތް ރަނގަޅުކޮށްދިނުމަށް އެހީތެރިވެދެއެވެ.

•ކަދުރުގައި ހިމެނޭ އެންޓި އޮކްސިޑެންޑްސް، ވިޓަމިން C އަދި ވިޓަމިން E ގެ ސަބަބުން ހަންގަނޑަށް ބޭނުންވާ މުޙިއްމު އޮކްސިޖަން ލިބި ގެއްލުންދެނިވި އެކިކަހަލަ ވިހަ މާއްދާތަކުން ހަންގަނޑު ރައްކާތެރިކޮށްދިނުމާއި ހަންގަނޑަށް ބޭނުންވާ ކޮލަޖެން މާއްދާ އިތުރުކޮށްދިނުމަށް އެހީތެރިވެދެއެވެ. މިކަންކަމުގެ ސަބަބުން މޫނުމަތީ ހަންގަޑުގެ އޮމާންކަމާއި ތާޒާކަން އިތުރުކޮށްދިނުމަށްވެސް އެހީތެރިވެދެއެވެ. އަދި ގަވައިދުން ކަދުރު ބޭނުންކުރާނަމަ ހަމުގެ ބައެއް ބަލިތައް ޖެހުމުން ރައްކާތެރިކޮށްދިނުމަށްވެސް އެހީތެރިވެދެއެވެ.

•ކަދުރުގައި އެކުލެވޭ ތަފާތު ވިޓަމިންސް އާއި ކެލްސިއަމް، ޕޮޓޭސިއަމް، ފޮސްފަރަސް، ސޯޑިއަމް، ސަލްފަރ އަދި ޒިންކް ގެ ސަބަބުން އިސްތަށީގެ ދުޅަހެޔޮކަން އިތުރުކޮށްދިނުމުގައި އެހީތެރިވެދެއެވެ. އެގޮތުން ކަދުރު ބޭނުންކުރާނަމަ އިސްތަށީގެ ބުޑުތައް ވަރުގަދަކޮށްދިނުމަށާއި އިސްތަށީގެ ތާޒާކަމާއި އޮމާންކަން އިތުރުކޮށްދިނުމަށް އެހީތެރިވެދެއެވެ.

•ކަދުރަކީ އޭގައި ގިނަ މިންވަރަކަށް ޕޮޓޭސިއަމް އެކުލެވޭ އަދި ސޯޑިއަމްގެ މިންވަރު މަދު އެއްޗެއްކަމުގައި ވުމުން، ކަދުރު ބޭނުންކުރާނަމަ ނާރުތަކާއިބެހޭ ނިޒާމުގެ މަސައްކަތް ރަނގަޅު ކޮށްދިނުމަށަށް އެހީތެރިވެދެއެވެ. އެހެންކަމުން ނާރުގެ ތަފާތު މައްސަލަތައް ދިމާވުން ކުޑަކޮށްދެއެވެ.

•ކަދުރުގައި އެކުލެވޭ ފޮސްފަރަސް އާއި ކެލްސިއަމްގެ ސަބަބުން ކަދުރު ބޭނުންކުރުމުން ކަށިތަކާއި ހުޅުތަކުގައި ބާރު ޖައްސައިދީ ވަރުގަދަކޮށްދިނުމަށް އެހީތެރިވެދެއެވެ.

•ކަދުރުގައި އެކުލެވޭ ޕޮޓޭސިއަމް އާއި ސޮލިއުބަލް ފައިބަރގެ ސަބަބުން ކަދުރު ބޭނުންކުރުމުން ހަށިގަނޑުގައި އުފެދިފައިވާ ނުބައި ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދިނުމަށް އެހީތެރިވެދެއެވެ.

•ކަދުރުގައި އެކުލެވޭ ވިޓަމިން B12، ވިޓަމިން C އަދި އަޔަންގެ ސަބަބުން ކަދުރު ބޭނުންކުރާނަމަ ލޭގެ ތަފާތު މައްސަލަތައް ދިމާވުން ދުރުކޮށްދިނުމަށް އެހީތެރިވެދެއެވެ.

•ކަދުރުގައި ހަކުރުގެ ބައި ލިބިދޭ ބައިތައް ކަމުގައިވާ ގްލޫކޯސް، ފްރުކްޓޯސް، ސުކްރޯސް އަދި މީގެއިތުރުން ޕްރޮޓީންސްގެ ސަބަބުން ކަދުރު ބޭނުންކުރުމުން ހަށިގަނޑުގައި ހަކަތަ އިތުރުކޮށްދިނުމަށް އެހީތެރިވެދެއެވެ. ނަތީޖާއަކަށް ވެގެންދަނީ ބަނޑުހައިކަމުގެ އިހުސާސްވުން ކުޑަކޮށްދިނުމާއި ހަށިގަނޑުގައި ބާރުޖައްސައިދީ ވަރުބަލިކަމުގެ އިޙުސާސްވުން ކުޑަކޮށްދިނުމެވެ .

•ކަދުރު ކައިފައި ތައްޓެއްގެ ކިރު ބޯލުމަކީވެސް ވަރަށް ފައިދާހުރި ގޮތެކެވެ. ކަދުރާއި ކިރު އެއްކޮށް ބޭނުންކުރުމަށްޓަކައި ހެނދުނުގެ ވަގުތުގައި ތައްޓެއްގެ ކިރު ހޫނުކޮށްލުމަށްފަހުގައި، 7 ވަރަކަށް ކަދުރުގެ އޮށްނަގާފައި ކިރުތައްޓަށް އެޅުމަށްފަހު 15 ވަރަކަށް މިނެޓް ވަންދެން މައްޗެއް ޖަހާލާފައި ބަހައްޓާނީއެވެ. އެއަށްފަހު ހެނދުނު ހުސްބަނޑާއިހުރެ ކިރުތަށި ބޯލުމަށްފަހުގައި ކަދުރުތައް ކާލާނީއެވެ. މިގޮތަށް ކަދުރު ބޭނުންކުރުމުންވެސް ހަށިގަނޑުގައި ހަކަތަ އިތުރުކޮށްދިނުމަށާއި ހަށިގަނޑުގެ ބާރު ގިނައިރު ދެމެހެއްޓުމަށްޓަކައި އެހީތެރިދެއެވެ.

•ކަދުރު ގަވައިދުން ބޭނުންކުރާނަމަ ބަރުދަން އެއްމިންގަނޑެއްގައި ހިފަހައްޓައިދިނުމަށްވެސް އެހީތެރިވެދެއެވެ.

•ކަދުރުގައި ގިނަ މިންވަރަކަށް އެކުލެވޭ ތަފާތު އެންޓި އޮކްސިޑެންޓްސްގެ ސަބަބުން ކަދުރު ބޭނުންކުރާނަމަ އެކިއެކި ބަލިތައް ޖެހުމުން ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދެއެވެ.

ކަދުރުގައި ނަބީޛް ތައްޔާރުކޮށްގެން ބުއިމުގެ ބައެއް ފައިދާތައް ބަޔާންކޮށްލާނަމެވެ. ނަބީޛްއަކީވެސް ޞިއްޙީގޮތުން ގިނަ ފައިދާތަކެއް ލިބިދޭ ބުއިމެކެވެ. އޭގެ ތެރޭގައި ހަނދާން ގަދަކޮށްދިނުމަށާއި، ގޮހޮރުގެ ފާރު ފަސޭހަކޮށްދިނުމަށާއި، ބަނޑުގައި އުފެދޭ ވިހައިގެ އަސަރުތައް ބޭރުކޮށްދިނުމަށާއި، ވައިގެ އުނދަގޫތައް ރަނގަޅުކޮށްދިނުމަށާއި، ލޭގެ ޕްރެޝަރ އެއްމިންގަނޑެއްގައި ހިފަހައްޓައިދިނުމަށާއި، ޔޫރިކް އެސިޑްގެ މިންވަރު ދަށްކޮށްދިނުމަށާއި، ހުޅުތަކުގައި ރިއްސާރިހުންތައް ރަނގަޅުކޮށްދިނުމަށާއި، ފިރިހެނުންގެ ދަރިފަނީގެ މިންވަރު އިތުރުކޮށްދިނުމާއި ފެންވަރު ރަނގަޅު ދަރިފަނި އުފައްދައިދިނުމަށާއި، ލޭ ރަނގަޅުކޮށްދިނުމަށާއި އަދި ފުއްޕާމޭގެ މައްސަލަތައް ރަނގަޅުކޮށްދިނުމަށް އެހީތެރިވެދެއެވެ.

ނަބީޛްއަކީ ރަސޫލާ މުޙައްމަދު ހިއްޕެވި ބުއިމަކަށް ކިޔާ ނަމެކެވެ. އެކަލޭގެފާނުގެ ޒަމާނުގައި ނަބީޛް ތައްޔާރުކުރުމަށްޓަކައި ހިކި މޭބިސްކަދުރުވެސް އަދި ތާޒާ ކަދުރުވެސް ބޭނުންކުރެއްވިއެވެ.

އިބްނު ޢައްބާސް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ އަށް ހިކިމޭބިސްކަދުރުން ނަބީޛް ތައްޔާރުކުރެވެއެވެ. އަދި އެކަލޭގެފާނު އެ ދުވަހާއި، ދެން ޖެހިގެން އަންނަ ދުވަހާއި، އެއަށްފަހު އަންނަ ދުވަހުގައި އެހިއްޕަވައެވެ. (سنن النسائي، باب:٥١، حديث: ٢٠٠) (صحيح)

ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. ”އަޅުގަނޑުމެން ރަސޫލާ ﷺ އަށް ކަންވާރެއްގައި ނަބީޛް ތައްޔާރުކުރައްވަމެވެ. (އެކަންވާރުގެ) މަތީކޮޅު އައްސާލެވިފައިވެއެވެ. އަދި ތިރީގައި ލޯވަޅެއް ހުރެއެވެ. އަޅުގަނޑުމެން ހެނދުނު ނަބީޛް ތައްޔާރުކުރުމުން އެކަލޭގެފާނު ހަވީރު އެބުއިން ހިއްޕަވައެވެ. އަދި އަޅުގަނޑުމެން ރޭގަނޑު ނަބީޛް ތައްޔާރުކުރުމުން ހެނދުނު އެކަލޭގެފާނު އެބުއިން ހިއްޕަވައެވެ“ (صحيح مسلم، باب:٣٦، حديث:١٠٦)

ކަދުރު ބޭނުންކޮށްގެން ނަބީޛް ތައްޔާރުކުރެވިދާނެ ގޮތެއް ތިރީގައި އެވަނީއެވެ.

ދުވަހުގެ އިރު އޮއްސުމަށްފަހު ވީހާވެސް އިރާކޮޅުގެ ވަގުތެއްގައި 3 ނޫނީ 5 ކަދުރު ނުވަތަ 7 ކަދުރުވަރު ފެންބޯން ބޭނުންކުރާ ކަހަލަ ތައްޓަކަށް އަޅާފައި ކަދުރާއި އެކަށީގެންވާ މިންވަރަކަށް ބޯފެން އަޅާފައި މައްޗެއް ޖެހުމަށްފަހުގައި 12 ވަރަކަށް ގަޑިއިރު ބަހައްޓާނީއެވެ. އެއަށްފަހުގައި ފަތިސްވަގުތުގައި ނުވަތަ ހެނދުނުގެ ވަގުތުގައި ތެދުވެ ތައްޔާރުކޮށްފައިވާ ނަބީޛް ބޯލާނީއެވެ. އަދި އެކަކަށްވުރެ ގިނަ ބަޔަކު ބުއިމަށްޓަކައި ނަބީޛް ތައްޔާރުކުރާނަމަ ބިއްލޫރި ޖަގެއްގައިވެސް ތައްޔާރުކުރެވިދާނެއެވެ. މިގޮތަށް ހެނދުނުގެ ވަގުތުގައި ތައްޔާރުކުރަން ބެހެއްޓިކަމުގައިވާނަމަ ރޭގަނޑު ނިދުމުގެ ކުރިން ކަދުރުތައް ވަކިކޮށްލުމަށްފަހު ނުވަތަ ކަދުރުތަކާއި އެކު މިބުއިން ބޯލާނީއެވެ.

ނަބީޛް ތައްޔާރުކުރުމުގައި އިތުރު ނުކުތާތަކެއް ފާހަގަކޮށްލާނަމެވެ. އެގޮތުން ނަބީޛް ތައްޔާރުކުރުމުގައި ކަދުރު ބޭނުންކުރާ ޢަދަދު ކޮންމެހެން އޮނަހިރި ޢަދަދަކަށްވުން ލާޒިމެއް ނޫނެވެ. އެކަކަށްވުރެ ގިނަބަޔަކަށް ނަބީޛް ތައްޔާރުކުރާނަމަ ބިއްލޫރި ޖަގަކަށް ފެނުގެ މިންވަރު އިތުރުކޮށްފައި ފެނާއި އެކަށީގެންވާ ޢަދަދަކަށް ކަދުރު ނުވަތަ ހިކިމޭބިސްކަދުރު އަޅައިގެން ނަބީޛް ތައްޔާރުކުރެވިދާނެއެވެ. ނަބީޛް ތައްޔާރުކުރުމަށްޓަކައި ބޭނުންކުރަން އެންމެ ރަނގަޅުކަމުގައިވަނީ ހިކި މޭބިސްކަދުރެވެ. ހިކި މޭބިސްކަދުރުގައި ނަބީޛް ތައްޔާރުކުރާނަމަ 150 ގްރާމްގެ ހިކި ކޭބިސްކަދުރުކޮޅެއް ފެނުން ރަނގަޅަށް ދޮވެލާނީއެވެ. (ބޭނުމަކީ ހަޑިއެއް އުނގުޅިފައި ހުރިނަމަ ސާފުކޮށްލުމެވެ.) އެއަށްފަހުގައި ތައްޓަކަށް 500 އެމްއެލް ބޯފެންއަޅާފައި އޭގެތެރެއަށް ހިކިމޭބިސްކަދުރުތައް އަޅާލާނީއެވެ. ދެން އެތަށީގައި މައްޗެއް ޖެހުމަށްފަހުގައި 12 ވަރަކަށް ގަޑިއިރު ބެހެއްޓުމަށްފަހުގައި ބޯލާނީއެވެ. ނަބީޛް ތައްޔާރުކުރުމަށްޓަކައި ކަދުރު ބޭނުންކުރާނަމަ ބޮޑަށް ރަނގަޅީ އެއްވެސް ކަހަލަ ސިރަޕެއް އެއްނުކޮށްހުންނަ ކަދުރު ބޭނުންކުރުމެވެ. މީގެ އިތުރުން ކަދުރު ބޯފެނަށް އެޅުމުގެ ކުރިން ކަދުރު ފަޅާ ބަލާލުމަށްފަހުގައި އެޅުން ރަނގަޅެވެ. ސަބަބަކީ އެއްބައި ކަދުރުގައި ފަނިއަޅާފައި ހުރެދާނެތީއެވެ. ނަބީޛް ތައްޔާރުކުރުމަށްފަހުގައި ބޯލުމުގެ ކުރިން ކަދުރުކޮޅާއި ފެންފޮދު މިކްސްޗަރ ކޮށްލައިގެންވެސް ބޯލެވިދާނެއެވެ. ރަމަޟާންމަހު ހާރުގެ ވަގުތުގައާއި ރޯދަ ވީއްލާ ވަގުތުގައި ބޭނުންކުރުމަށްވެސް ނަބީޛް އަކީ އެފަދަ ދެވަނައެއްނުވާ ބުއިމެކެވެ. ނަބީޛް އަކީ ފިނިފެނުގައާއި ފިނިނޫންފެނުގައިވެސް ތައްޔާރުކޮށްގެން ބޭނުންކުރެވިދާނެ ބުއިމެކެވެ. އަދި އައިސްއަލަމާރީގައި ބަހައްޓައިގެން ނަބީޛް ބޭނުންކުރުމަކީވެސް އެންމެ ރަނގަޅު އެއްގޮތެވެ. އައިސްއަލަމާރީގައި ބަހައްޓައިގެން ބޭނުންކުރިކަމުގައިވިޔަސް 2 ދުވަސް ނުވަތަ ގިނަވެގެން 3 ދުވަސްތެރޭގައި ބޮޮއެހުސްކޮށްލުމަކީ އެންމެ ރަނގަޅު އެންމެ ރައްކާތެރިގޮތެވެ.

ނަބީޛް ތައްޔާރުކުރުމުގައި ހިކިކޮށް ހުންނަ ރޯކަދުރާއި ދޮންވެފައިވާ ކަދުރު އެއްކޮށްގެން ނުވަތަ ދޮންވެފައިވާ ކަދުރާއި ހިކިމޭބިސްކަދުރު އެއްކޮށްގެން ބޭނުންކުރުމަކީ ރަނގަޅުގޮތެއްނޫނެވެ. ދެވައްތަރެއް ނުވަތަ ތިންވައްތަރެއްގެ ކަދުރު ބޭނުންކުރުމަށްފަހުގައި މިގޮތަށް ތައްޔާރުކުރާ ނަބީޛްގެ ރަހައާއި ވަހުގައި އަދި ފެންނަފެނުމުގައި ނުބައިވުމުގެ އަސަރެއް ފާހަގަ ނުކުރެވޭނަމަ ނުވަތަ އެބުއިމުން މަސްތުވުމެއް ނުވާނަމަ އެބުއިމަކީ މައްސަލައެއްނޫނެވެ. އެހެންނަމަވެސް މިގޮތަށް ނަބީޛް ތައްޔާރުކުރުމުގައި އެބުއިމުގެ ވަހާއި ރަހައިގައި އަދި ފެންނަފެނުމުގައި ނުބައިވުމުގެ އަސަރު އެކުލެވިގެންވާނަމަ އަދި އެ ބުއިމުން މަސްތުވުމެއްވާނަމަ، އެބޭނުންކުރުން ނަބީ ﷺ ވަނީ ނަހީކުރައްވަވާފައެވެ. ޖުމުލަކޮށް ދަންނަވާލަންޖެހެނީ ނަބީޛް ތައްޔާރުކުރުގައި އެންމެ ރައްކާތެރި ރަނގަޅުގޮތަކީ ކޮންމެވެސް އެއްބާވަތެއްގެ ކަދުރު ބޭނުންކުރުމެވެ.

ޖާބިރު رضي الله عنه ރަސޫލާ ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު (ރަސޫލާ ) ހިކިމޭބިސްކަދުރާއި ކަދުރު އެއްކޮށްގެން ނަބީޛް ތައްޔާރުކުރުން ނަހީކުރެއްވިއެވެ. އަދި ރޯކަދުރާއި ފާވާން ފަށާފައިވާ ކަދުރު އެއްކޮށްގެން ނަބީޛް ތައްޔާރުކުރުން ނަހީކުރެއްވިއެވެ. (سنن النسائي، باب ٥١، حديث:١٧) (صحيح)

ކަދުރު ޢާއްމުގޮތެއްގައި ގިނައިން ބޭނުންކޮށް އުޅެނީ ރަމަޟާންމަސްތަކުގައެވެ. ރޯދަ ވީއްލާ ވަގުތުގައާއި ހާރުކެއުމުގެ ވަގުތުގައެވެ. ރޯދަވީއްލާ ވަގުތުގައި ބޭނުންކުރުމަށް އެންމެ ރަނގަޅު އެކައްޗަކީވެސް ކަދުރެވެ. އެކަލޭގެފާނު ﷺ ގެ ޙަދީޘްބަސްފުޅެއްގެ މާނައިގައިވެއެވެ.

”ތިޔަބައިމީހުންގެ ތެރެއިން މީހަކު ރޯދަވީއްލާ ކަމުގައިވާނަމަ ފަހެ، ކަދުރުން ރޯދަވީއްލާ ހުށިކަމެވެ! ކަދުރު ނުލިބިއްޖެނަމަ ފަހެ،ފެނުން ރޯދަވީއްލާ ހުށިކަމެވެ! އެހެނީ އެއީ (ފެނަކީ) ޠާހިރުކުރުވާ އެއްޗެކެވެ!“ (بلوغ المرام :٦٢٨ صحيح)

ކަދުރަކީ މީރު އަދި ފައިދާހުރި އެތައް މާއްދާތަކުން ފުރިފައިވާ މޭވާއެއްކަމުގައިވާއިރު، ކަދުރު ބޭނުންކުރުން އެއީ ވަކި ޚާއްސަ މައްސަރަކަށް ބޭނުންކޮށްއުޅޭ އެއްޗެއްގެ ގޮތުގައި ހެދުމުގެ ބަދަލުގައި، ރަމަޟާންމަސް ނޫން މަސްތަކުގައިވެސް ގަވާއިދުން ބޭނުންކުރާ އެއްޗެއްގެ ގޮތުގައި ހެދުމަކީ ވަރަށް ރަނގަޅު އާދައެއް ކަމުގައި ގަބޫލުކުރަމެވެ. އެހެންނަމަވެސް ކަދުރު ބޭނުންކުރުމުގައި އަދި އެހެނިހެން ރަނގަޅު ކެއުން ބުއިމުގެ ބާވަތްތައް ބޭނުންކުރުމުގައިވެސް މަދު މިންވަރެއް ނުވަތަ މެދު މިންވަރަކަށް އިޚްތިޔާރުކުރުމަކީ އެންމެ ރަނގަޅުގޮތެވެ. އެގޮތުން ހެނދުނު ނާސްތާގެ ވަގުތުގައި 3 ނުވަތަ 5 ކަދުރު ނޫންނަމަ ގިނަވެގެން 7 ކަދުރުވަރު ދުވާލަކަށް ބޭނުންކުރުމުން ފުދޭނެއެވެ. ނަމަވެސް ކަދުރަކީ އޭގައި ގިނަ މިންވަރަކަށް ހަކުރުގެބައި އެކުލެވިގެންވާ އެއްޗެއް ކަމުގައިވާތީ، ކަދުރު ގިނައިން ބޭނުންކުރެވޭނަމަ ބައެއްފަހަރު ހަޖަމުކުރުމުގެ ނިޒާމުގެ މައްސަލަތައް ދިމާވުމާއި ޚާއްސަކޮށް ހަކުރުބަލި ހުންނަކަމުގައިވާނަމަ ހަކުރުބަލިބޮޑުވުމާއި އަދި ހަކުރުބަލީގެ ސަބަބުން ދިމާވެދާނެ އެހެނިހެން މައްސަލަތައް އިތުރުވުމުގެ ފުރުޞަތުވެސް ބޮޑުވެދާނެއެވެ. އެހެންކަމުން ހަކުރުބަލި ހުންނަކަމުގައިވާނަމަ ނުވަތަ ޞިއްޙީގޮތުން އިތުރު ބައްޔެއް ހުންނަކަމުގައިވާނަމަ ކަދުރު ބޭނުންކުރުމުގެ ކުރިން ޑަޔަޓިޝަނެއްގެ ނުވަތަ ޑޮކްޓަރެއްގެ އިރުޝާދާއި އެއްގޮތަށް ޢަމަލުކުރުމަކީ އެންމެ ރައްކާތެރިވާނެ ގޮތްކަމުގައި ގަބޫލުކުރަމެވެ. ހަމައެހެންމެ ކަދުރަކީ ގިނަ މިންވަރަކަށް ސޯޑިއަމް އެކުލެވިގެންވާ އެއްޗެއްކަމުގައި ވުމުން، ކަދުރު ގިނަ މިންވަރަކަށް ބޭނުންކުރެވޭނަމަ ހިތުގެ ތަފާތު ބަލިތައް ޖެހުމަށް ފުރުޞަތު ބޮޑުވެގެން ހިނގައިދާނެއެވެ. އަދި ކަދުރު ބޭނުންކުރެވޭ މިންވަރު އިތުރުނަމަ ހަށިގަނޑު މާބޮޑަށް ފަލަވެ ބަރުހެލިވުމުގެ ފުރުޞަތުވެސްބޮޑުވެދާނެއެވެ.

ކަދުރާއި ބެހޭ ގޮތުން މިގެނެސްދެވުނު މަޢުލޫމާތުން ކޮންމެވެސް މިންވަރެއްގެ މަންފާއެއް ކުރާނެ ކަމުގައި އަޅުގަނޑު އުއްމީދުކުރަމެވެ.

ކުރިއަށްދެން އަންނަންއޮތީ 1442 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަސް ކަމަށްވާއިރުގައި އަޅުގަނޑުމެން މުސްލިމުންގެ އެންމެ މުޙިއްމު ޢަޒުމަކަށް ހަދަންވާނީ اللهُ سبحانه وتعالي ގެ ޙަޟުރަތަށް އިޚްލާސް ތައުބާއަކުން ތައުބާވުމެވެ. އެއަށްފަހުގައި ދީނީ އަދި ދުނިޔަވީ އެންމެހާ އާދަތަކަށް ހެޔޮ ބަދަލުގެނެސް އިސްރާފުގެ ބައި ވީވަރަކުން ކުޑަކުރުމާއިއެކު ހިތްތައް ޠާހިރުކޮށް ނަފްސުތައް އިޞްލާޙްކުރުމާއި ހެޔޮޢަމަލުތައް ގިނަކުރުމެވެ.

الله سبحانه وتعالي އަޅުގަނޑުމެން އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް ރަމަޟާންމަހާއި ހަމައަށް ވާޞިލްވުމުގެ ނަޞީބު މިންވަރުކޮށްދެއްވަވާ ރަމަޟާންމަހުގެ ރޯދަ އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ކުޅަދާނަކަން ދެއްވަވާ، އެމަހުގައި އެންމެހައި ނުބައި ޢަމަލުތަކުން އެއްކިބާވެ ގިނަގިނައިން ހެޔޮ ޢަމަލުތައް ކުރުމުގެ ތައުފީޤު ދެއްވާށި! آمين