Fetured Image
ހަރބަލް މާމުއި

ފުރަގަސްފަރާތު ބަލި

ފުރަގަސްފަރާތު ބައްޔަކީ ވަރަށް ގިނަ ބަޔަކު އެބައްޔެއްގެ ވޭނާއި އުނދަގޫ ތަޙައްމަލް ކުރަންޖެހިފައިވާ ވަރަށް ޢާއްމު ބައްޔަކަށްވަނީ ވެފައެވެ. ފުރަގަސްފަރާތު ބަލީގައި ވޭންބޮޑުވެ ރިއްސާރިހުމުގެ އިޙުސާސް ބޮޑުވާ މައިގަނޑު އެއް ސަބަބަކީ ފުރަގަސްފަރާތު ދޮރާއި ދޮރުގެ ވަށައިގެންވާ ހިސާބަކީ ވަރަށް ނާޒުކު ހިސާބަކަށްވާތީއެވެ. އިނގިރޭސި ބަހުން މިބައްޔަށް ކިޔަނީ ހެމަރޮއިޑްސް ނުވަތަ ޕައިލްސްއެވެ. މި ބަލި ކަނޑައެޅިގެން ޖެހެން މެދުވެރިވަނީ ކިހިނެތް ވެގެންކަމެއް ޞިއްޙީ ދިރާސާތަކުން އެނގެން ނެތަކަސް މި ބަލިޖެހެން މެދުވެރި ވެދާނެ ބައެއް ސަބަބުތައް ވަނީ ދެނެގަނެވިފައެވެ. ދުނިޔޭގައި %65 މީހުންނަށް ޢުމުރުގެ ވަކި ހިސާބަކުން މި ބަލި ޖެހޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ކުޑަކުދިންނަށް މި ބަލި ޖެހުން ވަރަށް ދުރެވެ. ނަމަވެސް ފަހަކަށް އައިސް ކުޑަކުދިންނަށްވެސް މިބަލި ޖެހިގެން ރިޕޯރޓު ކޮށްފައިވާ މިންވަރު ވަނީ ކުރިއަާއި އަޅާބަލާއިރު އިތުރުވެފައެވެ.

ބަލިއުފެދޭ ގޮތް: ފުރަގަސްފަރާތު ބަލި އުފެދެނީ ފަލަގޮހޮރުގެ އެންމެ ތިރީ ހިސާބު ރެކްޓަމްގައާއި ފުރަގަސްފަރާތު ދޮރުގެ އެތެރޭގައިވާ މަޑުޓިޝޫތަކުގައި ހުންނަ ކުދިކުދި ލޭނާރުތައް ފޭވެ ލޭނާރުތަކަށް ބާރުބޮޑުވެ، އެހިސާބުގައިވާ ނާރުތަކަށް ގެއްލުން ލިބި ސެލްތައް މަރުވެ އެހިސާބުގައި އިންފްލެމޭޝަން އެއް އުފެދިގެންނެވެ.މިގޮތަށް މިކަން ދިމާވުމުން ހިރުވުމާއި،ބޮޑުކަމުދާއިރު ލޭ އައުމާއި ކަނޑައިގެންދިއުން އަދި ރިހުން އިޙުސާސް ކުރެވެންފަށައެވެ.

ފުރަގަސްފަރާތު ބަލީގެ ދެ ވައްތަރެއް ހުރެއެވެ.

އެއްވައްތަރަކީ ފުރަގަސްފަރާތު ދޮރުގެ އެތެރޭގައި އުފެދޭ ވައްތަރެވެ.މި ވައްތަރުގައި ޢާއްމުކޮށް ރިހުމެއް ނެތަސް ހަރުކޮށް ބޮޑުކަމުދެވޭ ދިއުމުގައި ހިރުވުމާއި ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން އެކަށީގެންވެއެވެ.

އަނެއް ވައްތަރަކީ ފުރަގަސްފަރާތު ދޮރުގެ ބޭރު ވަށައިގެން އުފެދިފައި ހުންނަ ވައްތަރެވެ. މި ވައްތަރުގައި ގިނަފަހަރު ހިރުވާފައި ކެހުމާއި އަދި ރިއްސުމާއި އެކު ލޭ އާދެއެވެ.އެހެން ބަލިބައްޔެކޭވެސް އެއްގޮތަށް މި ބަލީގައިވެސް ބަލީގެ ކުރީކޮޅު ފަރުވާގެ ކަންކަން ރަނގަޅަށް ކުރެވިއްޖެނަމަ މި ބަލިން އަވަހަށް ރަނގަޅު ވުމުގެ ފުރުޞަތު ބޮޑެވެ. ނަމަވެސް މި ބަލީގައި ފަރުވާ ނުކުރެވި ދިގު މުއްދަތެއް ވޭތުކުރެވިފައިވާނަމަ ނުވަތަ ވަރަށް ބޮޑުވަރުވެފައިވާނަމަ ގިނަފަހަރު ޖެހެނީ ލޭޒަރ ޓްރީޓްމެންޓެއް ހަދައިގެން ނުވަތަ ސްކްލޭރޯތެރަޕީ އަކުން ނުވަތަ ސަރޖަރީ ކޮށްގެން ރަނގަޅުކުރާށެވެ.

ފުރަގަސްފަރާތު ބަލިޖެހެން މެދުވެރިވާ ބައެއް ސަބަބުތަކުގެ ތެރޭގައި:

• ބޮޑުކަމުދާއިރު ބަނޑުހަރުކޮށް ހުރުމުގެ ސަބަބުން ބޮޑުކަމުދާ ތަކެތި ބޭރުކުރުމަށް ބަނޑަށް މާ ބާރުލެވޭތީ

• އުމުރުން ދުވަސްވުމުން(އުމުރުން ދުވަސްވުމުގެ ސަބަބުން ރެކްޓަމްގަ އާއި ފުރަގަސްފަރާތުދޮރުގައި ހުންނަ ޓިޝޫތަކުގެ ނާރުތަކުން ބާރުދެރަވުމުން)

• ފާޚާނައިގެ އުސްތަށި މަތީގައި އިނދެ ބޮޑުކަމުދާއިރު ފަލަގޮހޮރުގެ ނިމޭކޮޅު (ރެކްޓަމް) ރަނގަޅަށް ނުހުޅުވުމުގެ ސަބަބުންވެސް މި ބަލިޖެހެން މެދުވެރިވޭ

• ޢާއިލީގޮތުން ވާރުތަވުމުގެ ސަބަބުންވެސް މި ބަލި ޖެހެއެވެ.

• މާ ބޮޑަށް ފަލަވުމުގެ ސަބަބުންވެސް މި ބަލިޖެހުމުގެ ފުރުޞަތު ބޮޑެވެ.

• ބައްޔެއްގެ ސަބަބުން ގިނަގިނައިން ކެއްސާ ކިނބިހި އެޅޭ އިރު ބަނޑަށް ކުރާ ބާރުގެ ސަބަބުންވެސް އެއްބައިފަހަރު މި ބަލި ޖެހުމުގެ ފުރުޞަތު ބޮޑެވެ.

• މާބަރުކޮށް އެއްޗެހި އުފުލާއިރު ބަނޑަށް ލެވޭ ބާރުގެ ސަބަބުންވެސް އެއްބައިފަހަރު މި ބަލިޖެހުމުގެ ފުރުޞަތު ބޮޑެވެ.

• އިރުއިރުކޮޅުން ބޮޑުކަމުދެވޭނަމަވެސް މި ބަލިޖެހުމުގެ ފުރުޞަތު ބޮޑެވެ.

• ކެއުން ބުއިމުގެ އާދަތައް ބެހެއްޓޭ ގޮތުން އަދި ކެއުން ބުއިމުގައި ބޭނުންކުރެވޭ އެއްޗެހީގެ ސަބަބުންވެސް މި ބަލި ޖެހެން މަގުފަހިވެއެވެ.

ފުރަގަސްފަރާތު ބަލިން ރައްކާތެރިވުމުގެ ގޮތުން ކަންކުރެވިދާނެ ބައެއް ގޮތްތައް:

• ފައިބަރ ގިނައިން އެކުލެވޭ މޭވާ ތަރުކާރީ އަދި އެހެނިހެން ބާވަތްތައް ބޭނުންކުރަން އާދަކުރުން.(އެގޮތުން މާބުޅާފަތް، މުރަނގަފަތް، ބޯވެލިފަތް(ސްޕިނެޗް)، ބަރަބޯ، ދޮންކެޔޮ، ފަޅޯ، ލެޓަސް، މުގު، އޮރެންޖް، އޯޓްސް، ޗިއާ ސީޑް، ކެރެޓް، ކަދުރު، ޖުމްހޫރީ މޭވާ (ޕެޝަން ފްރުޓް)، ފޭރު، ބާމިޔާތޮޅި(ލޭޑީސް ފިންގަރ)، ބްރޯކޮލީ، ބަރލީ ފަދަ ތަކެތި ހިމެނެއެވެ.

• ގަވައިދުން ކަސްރަތު ކުރަން އާދަކުރުން

• މާ ކުޅިކޮށް ނުކެއުން

• ކެފެއިން ގެ މާއްދާ ބޭނުންކުރާ މިންވަރު މަދުކުރުން

• ބޮޑުކަމުދާން ބޭނުންޖެހުމުން ލަސްނުކުރުން

• ގިނައިން ފެން ބޯން އާދަކުރުން( އިންސާނާގެ ހަށިގަނޑުން އެކި ގޮތްގޮތުން ފެން ބޭރުވެއެވެ.އެގޮތުން ދާހިތްލުމުންނާއި، ކުޑަކަމުދާއިރުގައާއި ،ބޮޑުކަމުދާއިރުގައާއި ، ނޭވާލާއިރުގައި ފެންބޭރުވެއެވެ.)މި ފާހަގަކުރި ގޮތްގޮތުން އެމީހެއްގެ ހަށިގަނޑުން ފެން ބޭރުވާ މިންވަރު އަންދާޒާކޮށްފައި އެމީހެއްގެ ހަށިގަނޑާއި އެކަށީގެންވާ މިންވަރަށް ފެން ބުއިމަކީ ވަރަށް މުޙިއްމު ކަމެކެވެ.ގިނަ ޢަދަދަކަށް ފެން ބުއިމަކީ ޞިއްޙީގޮތުން އެކަމުގެ ނޭދެވޭ އަސަރު ހަށިގަނޑަށް ކޮށްފާނެ ކަމެކެވެ. އެގޮތުން ގުރުދާގެ(ކިޑްނީ) މައްސަލަޖެހުން ހިމެނެއެވެ. އަދި ގިނަ އަދަދަކަށް ފެންބޯނަމަ ވަރަށް މަދުން ނޫނީ ނުޖެހޭ ބައްޔެއް ކަމުގައިވާ ހައިޕަނަޓްރޭމިއާ ފަދަ ބައްޔެއް ޖެހުން އެކަށީގެންވެއެވެ. މި ބަލި ޖެހެނީ ގިނައިން ފެން ބުއިމުގެ ސަބަބުން ހަށިގަނޑުން ލޮނުގެ މިންވަރު ވަރަށް ބޮޑަށް ދަށްކޮލުމުންނެވެ. މިހެންމިކަން ދިމާވުމުން އިރުއިރުކޮޅުން ބޮލަށް އެނބުރުން އެރުމާއި، ހޮޑުލަވާގޮތް ވުމާއި، ވަރުބަލިކަން އިޙުސާސްކުރެވި ކަންނެތްވުމާއި، އަތްފައި ފޮއްސިވުމާއި، ވާނުވާނޭންގޭ ހާލަތަށް ދިއުމާއި، ސިކުނޑި ދުޅަވެ ހިތް މަސައްކަތް ނުކުރާ ހިސާބަށް ވެސް ހިނގައިދާނެއެވެ.

ފުރަގަސްފަރާތު ބައްޔާއި ގުޅޭގޮތުން ކުރު މަޢުލޫމާތުކޮޅެއް ޙިއްސާކޮށްލެވުނު ކަމަށް އުއްމީދުކުރަމެވެ.الله سبحانه وتعالى އަޅުގަނޑުމެންނަކީ ބަލިބަލިން ރައްކައުތެރިކަން ލިބިގަނެ ބަލިންސަލާމަތްވެ ތިބޭ ދުޅަހެޔޮ ޞިއްޙަތެއްގެވެރި ބައެއްގެ ގޮތުގައި ލައްވާށި.آمين.

ޝުބާސް ޙިޖާމާގެ ފަރާތުން ފުރަގަސްފަރާތުބައްޔަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ވިރުޒު މާމުއި އަކީ ފުރަގަސްފަރާތު ބަލީގެ ސަބަބުން ދިމާވާ އުނދަގޫތަކާއި އަދި މިބަލި ރަނގަޅުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ތައްޔާރުކޮށްފައިވާ މާމުޔެކެވެ.