Fetured Image
ހަރބަލް ތެެޔޮ

އާމަނަކަ ގަހާއި އާމަނަކަ ތެލުން ލިބިދޭ ބައެއް ފައިދާތައް

އާމަނަކަ ގަސް ނުވަތަ ކާސްޓަރ އޮއިލް ޕްލާންޓް އަކީ ފަސޭހައިން ހައްދާލެވޭ އަދި ރާއްޖޭގެ ގިނަ ރަށްރަށުންވެސް ލިބެންހުންނަ މިގަހުގެ ހުރިހާ ބައެއްވެސް ބޭސް ތައްޔާރުކުރުމަށް ބޭނުންކުރެވޭ ފައިދާ ބޮޑު ގަހެކެވެ. އާމަނަކަ ގަހުގެ އަސްލު އުފެދިގެން އައިސްފައިވަނީ އެފްރިކާއިން ކަމުގައި ބުނެވެއެވެ. އާމަނަކަ ގަހުގެ ފަތަކީ ހިތިކަން ހުންނަ އޮފު ފެހިކުލައިގައި ހުންނަ ފަތެކެވެ. ނަމަވެސް އާމަނަކަ ގަހުގެ އެއްބައި ވައްތަރުތަކުގައި ފެހިކުލައިގެ ފަތުގެ އިތުރުން ދެކުލައެއް ނުވަތަ ތިންކުލައެއް އެއްވެފައި ހުންނަ ފަތް ވެސް ހުރެއެވެ. އާމަނަކަ ގަހުގެ ފަތް ހުންނަނީ 7 ނުވަތަ 9 ތުނޑަށް ވާ ގޮތަށެވެ. އާމަނަކަ ގަހުގެ ތަފާތު ވައްތަރުތައް ހުރެއެވެ. ޢާއްމުކޮށް އާމަނަކަ ގަސް ހެދިބޮޑުވަނީ 5-2 މީޓަރާއި ދެމެދުގެ ބޮޑުމިނަކަށެވެ. ނަމަވެސް އެއްބައި ހިސާބުތަކުގައި މިގަސް 9-7 މީޓަރަށްވެސް ބޮޑުވެއެވެ. އާމަނަކަ ގަހަކީ މީގެ އެތައް ގަރުނެއް ކުރިންވެސް ދުނިޔޭގެ ކަންކޮޅުތަކުގައި ބޭސް ތައްޔާރުކުރުމަށާއި އަދި އެހެނިހެން ބޭނުންތަކުގައި ބޭނުންކޮށް އުޅުނު ގަހެކެވެ. އަދި މިހާރުވެސް ތަފާތު ސައިންޓިފިކް ބޭސް ތައްޔާރުކުމަށާއި ޒީނަތްތެރިވުމަށް ތައްޔާރުކުރާ އުފެއްދުންތަކުގައާއި އިންޖީނަށް އެޅުމަށް ބޭނުންކުރާ ތަފާތު ތެޔޮ ތައްޔާރުކުމަށާއި ލެދަރު، ދަވާދު، ސައިބޯނި އަދި ތަފާތު ފޭރާންފޮތި ތައްޔާރުކުރުމުގައި އާމަނަކަ ތެލާއި އާމަނަކަ ގަހުގެ އެކިބައިތަކުގެ ބޭނުންކުރެއެވެ. އާމަނަކަ ގަހުން ތެޔޮ ތައްޔާރުކުރުމަށްޓަކައި ބޭނުންކުރަނީ މިގަހުގައި އަޅާ އޮށެވެ. މިގަހުގައި އަޅާ އޮށުގެ ބޭރުތޮއްޓާއި އެތެރޭގައިވާ އޮށަކީ އެތެރެހައްޓަށް ބޮޑު ވިހައެކެވެ. ދުނިޔޭގައި އާމަނަކަ ތެޔޮ އެންމެ ގިނައިން އުފައްދާ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ބްރެޒިލް އަދި އެމެރިކާ ހިމެނެއެވެ.

އާމަނަކަ ތެލަކީ ޞިއްޙީ އެތައް ރަނގަޅު ފައިދާތަކެއް އެކުލެވޭ ތެލެކެވެ. އާމަނަކަ ތެލުގައި އެންޓިއިންފްލޭމޭޓޮރީ ، އެންޓި އޮކްސިޑެންޓް، އެންޓި ފަންގަލް، މިނަރަލްސް، ޕްރޮޓީންސް، ފެޓީއެސިޑްސް،ވިޓަކިން އީ،ވިޓަމިން ޑީ، އޮލެއިކް އެސިޑް، ލިނޮލިއެކް އެސިޑް ފަދަ މާއްދާތައް ހިމެނެއެވެ. އާމަނަކަ ތެލަކީ ހަނގަނޑަށާއި އިސްތަށީގެ ދުޅަހެޔޮކަން ރަނގަޅުކޮށްދީ ތާޒާކަންމަތީ ދެމެހެއްޓުމަށްޓަކައި ބޭނުންކުރެވިދާނެ އެންމެ ރަނގަޅު އެއް ތެލެވެ.

އެގޮތުން ހަންގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި އާމަނަަކަ ތެޔޮ އުނގުޅުމުން ހަމުގެ ތާޒާކަމާއި އޮމާންކަން ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރާ ޕްރޮޓީން އެއްކަމުގައިވާ ކޮލަޖެން އިތުރުކޮށްދިނުމަށް އެހީތެރިވެދެއެވެ. މީގެ ސަބަބުން ހަންގަނޑުގެ ވާންކަމާއި އޮމާންކަން ދެމެހެއްޓުމަށް އެހީތެރިވެދެއެވެ.

ބޮލުގެ އިސްތަށިގަނޑުގައި އާމަނަކަ ތެޔޮ މާލިސް ކުރާގޮތަށް އުނގުޅުމުން ބޮލުގެ ހަންގަނޑުގެ ލޭގެ ހިނގުން ރަނގަޅުވެ އިސްތަށިތަކުގެ ބުޑުތައް ވަރުގަދަވުމަށާއި ބޮލުގެ ހަންފޮޅުން ރަނގަޅުކޮށްދިނުމަށް އެހީވުމަށާއި އިސްތައްޓަށް ބޭނުންވާ އެތައް މާއްދާތަކެއް ލިބިދިނުމަށް އެހީތެރިވެދެއެވެ.

ހަށިގަނޑުގައި އާމަނަކަ ތެޔޮ އުނގުޅައިގެން މާލީސް ކުރުމުން މަސްގުޅަ ވެގެން ރިއްސާ ރިހުމަށާއި ނާރުގައި އުފެދިފައި ހުންނަ ރިހުންތައް ރަނގަޅުކޮށްދިނުމަށް އެހީވެދެއެވެ.

ވިހައިގެ އަސަރުކުޑަކުރުމަށްވެސް އާމަނަކަ ތެޔޮ ބޭނުންކުރެވޭނެއެވެ

ބަނޑުހަރުވެގެން ބޮޑުކަމުދާން އުނދަގޫވާތީ ކުރީގައި އާމަނަކަ ތެޔޮ ބޯންދީހަދާފައިވެއެވެ. ނަމަވެސް އާމަނަކަ ތެޔޮ ބޭނުންކުރާ މިންގަނޑާއި ބޭނުންކުރަންޖެހޭ ޙާލަތްތަކުގައި މެނުވީ މި ތެޔޮ އެތެރެ ހައްޓަށް ބޭނުންކުރުން އެހާ ރައްކާތެރިއެއްނޫނެވެ. އެގޮތުން އާމަނަކަ ތެޔޮ ބޭނުން ކުރުން ރަނގަޅު ނޫން ޙާލަތްތަކުގެ ތެރޭގައި:

• ހިމަ ގޮހޮރުގައި ނުވަތަ ފަލަގޮހޮރުގެ މައްސަލަހުންނަނަމަ އާމަނަކަ ތެޔޮ އެތެރެހައްޓަށް ބޭނުންކުރުން ރަނގަޅެއް ނޫނެވެ

•މާބަނޑު ދުވަސްވަރުގައާއި ގާތުންދޭދުވަސްވަރު އާމަނަކަ ތެޔޮ އެތެރެ ހައްޓަށް ބޭނުންކުރުން ރަނގަޅެއް ނޫނެވެ.

•އެޕެންޑިކްސް ގެ މައްސަލައެއް ހުންނަނަމަ އާމަނަކަ ތެޔޮ އެތެރެހައްޓަށް ބޭނުން ކުރުން ރަނގަޅެއްނޫނެވެ.

•ޞިއްޙީ އިތުރު މައްސަލަ އަކާއި ގުޅިގެން ބަނޑުގެ ރިހުމެއް ހުންނަނަމަ އެތެރެހައްޓަށް ބޭނުންކުރުން ރަނގަޅެއް ނޫނެވެ.

އަދި މީގެ އިތުރުންވެސް އާމަނަކަ ތެލަކީ އެތެލެއްގެ ބޭނުން އެކި ގޮތްގޮތަށް ކުރެވޭ ފައިދާބޮޑު މުޙިއްމު ތެލެކެވެ.

އާމަނަކަ ގަހާއި އާމަނަކަ ތެލުގެ ފައިދާތައް ކޮންމެވެސް މިންވަރަކަށް ހިއްސާ ކޮށްލެވިއްޖެ ކަމުގައި އުއްމީދު ކުރަމެވެ. މި މަޢުލޫމާތު ކޮޅު ކިޔާލެއްވި ކަމަށްޓަކައި ހުރިހާ ފަރާތްތަކަށްވެސް ޝުކުރުދަންނަވަމެވެ. ހުރިހާ ފަރާތްތަކަށްވެސް ދުޅަހެޔޮކަމާއި ބާއްޖަވެރިކަމަށް އެދެމެވެ.

ގުޅުންހުރި އަރޓިކަލްތައް

ޙިޖާމާ ޖަހަން ސުންނަތްކަން ގަދަދުވަސްތައް

ނޮވެމްބަރ 2020 - رَبِيْعُ الأَوّل 1441
03 05 07