އިންސާނާގެ ދުޅަހެޔޮކަން

އިންސާނުން ދުޅަހެޔޮކަންމަތީ ތިބުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން މި ލިޔުމުގައި ބަޔާންކޮށްލެވޭތޯ މަސައްކަތްކޮށްލާނަމެވެ. އިންސާނާގެ ހަށިގަނޑުގައި ލައްވާފައިވާ ދިފާޢީ ނިޒާމްއަކީ ވަރަށް ވަރުގަދަ ވަރަށް ފުރިހަމަ ނިޒާމެކެވެ. ނަމަވެސް އިންސާނާގެ ހަށިގަނޑުގެ ހުރިހާ ނިޒާމެއް ފުރާފުރިހަމަ އަށް އުފެދި ނިމުމަށްފަހު އުމުރުން ދުވަހެއް ނިމިގެންދާ ވަރަކަށް މި ދިފާޢީ ނިޒާމުގެ ބާރުވެސް ދާނީ ދުވަހެއްދުވަހަކަށް ދަށްވަމުންނެވެ. އެހެންނަމަވެސް ފުރިހަމަ ޞިއްޙަތެއްގައި ތިބުމަށްޓަކައި އަޅުގަނޑުމެންނަށް މަސައްކަތްތަކެއްކުރެވިދާނެއެވެ. އެގޮތުން ޞިއްޙަތަށް ފައިދާހުރި ކެއުންބުއިމުގެ ބާވަތްތައް ބޭނުންކުރުމާއި ކަސްރަތުކުރުން ނުވަތަ ކުޅިވަރުކުޅެއުޅުމާއި ހަމަނިދި ނިދުމާއި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެންބުއިން ފަދަކަންކަމަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށްޓަކައި ކުރެވިދާނެ އެންމެ މުޙިއްމު ބައެއް ކަންކަމެވެ. މިކަންކަން ކުރުމުގައި ސަމާލުކަން ދިނުން މުޙިއްމު ބައެއް ކަންކަންވެސް ފާހަގަކޮށްލާނަމެވެ. އެގޮތުން ޞިއްޙަތަށް ފައިދާހުރި ކެއުން ބުއިމުގައި ސަމާލުކަން ދެވިދާނެ މުޙިއްމު ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.

ޞިއްޙަތަށް ފައިދާހުރި ކެއުމާއި ބުއިން ބޭނުންކުރާއިރު (ޚާއްސަކޮށް މޭވާ ތަރުކާރީ އަދި ފަތްޕިލާވެލީގެ ބާވަތްތައް ބޭނުންކުރުމުގެ ކުރިން އެތަކެތި ރަނގަޅަށް ސާފުވާނެހެން ދޮވެލުން ވަރަށް މުޙިއްމުވާނެއެވެ. އަދި މިގޮތަށް ކަންކުރަންޖެހެނީކީ ބަލިމަޑުކަމެއް ފެތުރިގެން އުޅޭ ”ވަކި“ ދުވަސްވަރެއްގައި އެކަނިނޫނެވެ. މިގޮތަށް މިކަން ކުރަންޖެހެނީ އެކިކަހަލަ ޖަރާސީމު ތަކުންނާއި ބަލިތަކުން އަބަދުވެސް ރައްކާތެރިވެތިބުމުގެ ގޮތުންނެވެ. އަދި މޭވާ ތަރުކާރީ ބޭނުންކުރާއިރު ވީހާވެސް ތާޒާ އެއްޗެހި ބޭނުންކުރުމަށް ސަމާލުކަންދިނުމަކީ މުޙިއްމު ކަމެކެވެ. މީގެ އިތުރުން އެންމެ މުޙިއްމު ކަމަކީ އެއްވެސް ބާވަތެއްގެ އެއްޗެއް ކެއުމުގެ ކުރިން ނުވަތަ ބުއިމުގެ ކުރިން الله سبحانه وتعالي ގެ ނަންފުޅުން ފަށައިގަތުމެވެ.ސަބަބަކީ އެ ކާއެއްޗެއް ނުވަތަ އެބޯއެއްޗެއް ދެއްވެވި ފަރާތަކީ އަޅުގަނޑުމެން އެންމެންގެ އިލާޙް الله سبحانه وتعالي ކަމުގައި ވާތީއެވެ. އަދި އެކެއުމުގައި ނުވަތަ އެބުއިމުގައި ބަރަކާތެއްވާނީވެސް އެއިލާޙްގެ ނަންފުޅުން ފަށައިގަތީމަކަމަށްވާތީއެވެ. އަދި މިގޮތަށް ކަންކުރުމަކީ ޝައިޠާނާގެ ބައިވެރިވުމުން ރައްކާތެރިކޮށްދޭ ޢަމަލަކަށްވާތީއެވެ. މީގެ އިތުރުން ކެއުންބުއިމަށްފަހު އެއިލާހަށް ޙަމްދުކުރުމަކީވެސް އެކަންކުރުން އެންމެ އެދެވިގެންވާގޮތެވެ. މީގެ އިތުރުންވެސް އިސްލާމްދީނުގައި ކެއުންބުއިމުގެ އަދަބުތަކަށް ޢަމަލުކުރުން އެއީ ހުރިހާ ގޮތަކުންވެސް ވަރަށް މުޙިއްމުކަމެއްކަމުގައި ދަންނަވާލަންޖެހެއެވެ.

ކަސްރަތުކުރުން ނުވަތަ ކުޅިވަރުކުޅުން: ހަށިގަނޑުގެ ނިޒާމަކީ الله سبحانه وتعالي ޚަލްގުކުރެއްވެވި އެންމެ ފުރިހަމަ އެއްނިޒާމެވެ. ހަށިގަނޑަށް ފައިދާހުރި ކެއުންބުއިމުގެ އިތުރުން ހަށިގަނޑުގެ ހުރިހާ ގުނަވަންތަކަށާއި މަސްތަކަށާއި ހުޅުތަކަށާއި އަދި ނާރުތަކަށް ހަރަކާތް ގެނުވާފަދަ ކުޅިވަރު ކުޅުމާއި ތަފާތު ކަސްރަތުކުރުމަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ވަރަށް މުޙިއްމުކަމެކެވެ. ޚާއްސަކޮށް ޞިއްޙީގޮތުން ބައްޔެއް ހުންނަކަމުގައިވާނަމަ ކޮންމެވެސް ކަހަލަ ކަސްރަތެއް ގަވައިދުން ކުރުމަކީ ވަރަށް މުޙިއްމު ފައިދާހުރި ކަމެކެވެ. ކަސްރަތުކުރުމުން ނުވަތަ ކުޅިވަރުކުޅެއުޅުމުން ހަށިގަނޑަށް ފައިދާކުރާ ބައެއް ގޮތްތައް ފާހަގަކޮށްލާނަމެވެ. ބައެއް ދިރާސާތަކުން އެނގޭގޮތުގައި ގަވައިދުން ކަސްރަތުކޮށް ނުވަތަ ކުޅިވަރުކުޅެ އުޅޭނަމަ ހަށިގަނޑުގެ ކަންނެތްކަންކުޑަކޮށް އަވަހަށް ވަރުބަލިވުންކުޑަވުމާއި ހަށިގަނޑުގައި ހަކަތައިތުރުވުމަށް ބާރަކަށްވެގެންދެއެވެ. އަދި ސްޓްރެސްގެ މިންވަރު ކުޑަވުމާއި ހިތުގެ ލޭގެ ހިނގުން ރަނގަޅުކޮށްދިނުމަށާއި ފުއްޕާމޭގެ މަސައްކަތް ރަނގަޅުކޮށްދިނުމާއި ހަށިގަނޑުގައި އުފެދިފައިހުންނަ ބޭކާރު ސަރުބީތައް ދުއްވާލުމަށް ބާރަކަށްވެއެވެ. މިކަންކަން މިހެންވުމުގެ ސަބަބުން ތަފާތު ބަލިތައް ޖެހުމުން ހަށިގަނޑު ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދެއެވެ. އަދި މަސްތަކާއި ކަށިތަކުގައި ބާރުޖައްސައިދިނުމަށްވެސް އެހީތެރިވެދެއެވެ. ކަސްރަތުކުރުން ނުވަތަ ކުޅިވަރުކުޅުން ކޮންމެދުވަހަކު ކުރިއަށްނުގެންދެވޭނަމަ ހަފްތާއަކު މަދުވެގެން 3 ފަހަރަކު ކުރިއަށް ގެންދިއުންވެސް އެންމެ ރަނގަޅެވެ. އަދި ކަސްރަތުކުރާނަމަ،30 މިނެޓް ނުވަތަ 25 މިނެޓް ނުވަތަ 15 މިނެޓް ނުވަތަ 10 ވަރަކަށް މިނެޓްގެ ވަގުތުކޮޅަކަށްވެސް ކަސްރަތު ކުރެވޭކަމުގައިވާނަމަ ކޮންމެވެސް މިންވަރަކަށް ފައިދާ ކުރާނެއެވެ. އަޅުގަނޑުމެން މުސްލިމުން ދުވާލު 5 ވަގުތުކުރާ ނަމާދަކީވެސް ކޮންމެވެސް މިންވަރެއްގެ ކަސްރަތެއް ހަށިގަނޑަށް ލިބިދޭ އަޅުކަމެކެވެ.

ހަމަނިދިލިބުން: ނިދުމަކީ އެކަމެއްގައި ވަރަށް މަތިވެރި ޙިކުމަތެއް ލައްވާފައިވާ ކަމެކެވެ. އިންސާނަކަށް ހަމައަށް ނިދިނުލިބޭ ކަމުގައިވާނަމަ ޞިއްޙީގޮތުންނާއި ޖިސްމާނީ ގޮތުން އެކިކަހަލަ ގެއްލުންތައް ލިބޭނެއެވެ. އެގޮތުން ހަމަނިދިނުލިބޭ ކަމުގައިވާނަމަ ގައިގައިހަކަތަ ނުހުރުން، ބޮލުގައި ރިހުން، ޖިންސީ އެދުންވެރިކަން ދަށްވުން، ސްޓްރެސް އިތުރުވުން، ހަނދާން ބަލިވުން، ހަމުގެ ބައެއް މައްސަލަތަކާއި ކުރިމަތިވުން ފަދަ ކަންކަންދިމާވެއެވެ. އަދި ހަމަނިދި ލިބޭކަމުގައިވާނަމަ ޞިއްޙީގޮތުން ގިނަ ފައިދާތަކެއް ކުރެއެވެ. އޭގެތެރޭގައި ސިކުނޑީގެ މަސައްކަތް ރަނގަޅުގޮތުގައި ކުރިއަށްދިއުމަށް އެހީތެރިވެދޭ، ޖިސްމާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ބާރަކަށްވޭ،ދިފާޢީ ނިޒާމުގެ ބާރުގަދަކުރުމަށް އެހީތެރިވެދޭ، ހޯރމޯންސް ގެ މަސައްކަތް ރަނގަޅުކޮށްދިނުމަށް އެހީތެރިވެދިނުން ފަދަ ކަންކަން ހިމެނެއެވެ. ހަމަނިދިލިބުމުގައިވެސް ބޮޑަށް މުޙިއްމުވަނީ ރޭގަނޑުގެ ނިންޖެވެ. ކަމުގެ މާހިރުން ވިދާޅުވާ ގޮތުގައި އަލަށް އުފަންވާ ކުދިން 3 މަސްވަންދެން 17-14 ގަޑިއިރުގެ ނިދިބޭނުންވާނެއެވެ. 4 މަހާއި 11 މަހާއިދޭތެރޭގައި 15-12 ގަޑިއިރުގެ ނިދިބޭނުންވާނެއެވެ. 1 އަހަރާއި 2 އަހަރާއި ދޭތެރޭގައި 14-11 ގަޑިއިރުގެ ނިދިބޭނުންވާނެއެވެ. 3 އަހަރާއި 5 އަހަރާއި ދޭތެރޭގައި 13-10 ގަޑިއިރުގެ ނިދިބޭނުންވާނެއެވެ. 6 އަހަރާއި 13 އަހަރާއި ދޭތެރޭގައި 11-9 ގަޑިއިރުގެ ނިދިބޭނުންވާނެއެވެ. 14 އަހަރާއި 17 އަހަރާއި ދޭތެރޭގައި 10-8 ގަޑިއިރުގެ ނިދިބޭނުންވާނެއެވެ. 18 އަހަރާއި 25 އަހަރާއި ދޭތެރޭގައި 9-7 ގަޑިއިރުގެ ނިދިބޭނުންވާނެއެވެ. 26 އަހަރާއި 60 އަހަރާއި ދޭތެރޭގައި 9-7 ގަޑިއިރުގެ ނިދިބޭނުންވާނެއެވެ.

ފެންބުއިމުގެ މުޙިއްމުކަން: ދިރުން ލެއްވި ކޮންމެ އެއްޗަކަށްވެސް އެންމެ ބޭނުންތެރި އެކަށްޗަކީ ފެނެވެ. އިންސާނާގެ ހަށިގަނޑުގެ ގާތްގަނޑަކަށް 60 އިންސައްތަ އަކީ ފެނެވެ. ސިކުނޑި އާއި ގުރުދާ(ކިޑްނީ)އަކީ ހަށިގަނޑުގައި ފެން އެންމެ ގިނައިން އެކުލެވޭ ދެ ގުނަވަނެވެ. އަދި ލޭގެ 50 އިންސައްތައަކީ ފެނެވެ. ހަށިގަނޑުގައި ފެނުގެ އަސަރު ހުންނަ މިންގަނޑު ޖިންސުގެ ގޮތުންނާއި އުމުރުގެ ގޮތުން ތަފާތުވެދާނެއެވެ. ހަށިގަނޑަށް ފެން މުޙިއްމުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި: ހަށިގަނޑުން ބޭކާރު އެކިއެކި ބައިތައް ބޭރުކޮށްލުމަށް، ހަށިގަނޑުގެ ފިނިހޫނުމިން އެއްމިންގަނޑެއްގައި ހިފަހައްޓައިދިނުމަށާއި އަދި ސެލިއުލަރ ފަންކްޝަންސް ގެ ހިނގުން ރަނގަޅުކުރުމަށެވެ. ހަށިގަނޑަށް ފެން ބޭނުން މިވަނީ އެބައެއްގެ އުމުރު ހުންނަވަރު ބަލާފައި ނުވަތަ އެބައެއްގެ ބަރުދަން ހުންނަ މިންވަރަށް ބަލާފައި ނުވަތަ އެބައެއްގެ ޞިއްޙީ ޙާލަތަށް ބަލާފައި ނުވަތަ އެބަޔަކު ހަރަކާތްތެރިވެ އުޅޭ މިންވަރަށް ބަލާފައެވެ. މިއިން ކޮންމެގޮތަކަށް ބެލިޔަސް ހަށިގަނޑުން ފެން ބޭރުވާ މިންގަނޑު ދެނެގަނެ އެބޭރުވާ މިންގަނޑާއި އެކަށީގެންވާ މިންވަރަކަށް ފެންބުއިމަކީ އެންމެ ރަނގަޅު އެއްގޮތެވެ. އަދި ހޫނުގައި މަސައްކަތްކުރާ، މާބޮޑަށް ދާހިތްލާ ކަމުގައި ވާނަމަ ފެން ބޯންޖެހޭ މިންވަރު އިތުރުވެދާނެއެވެ. އެކަށީގެންވާ މިންވަރަކަށް ފެން ނުބޮވޭކަމުގައިވާނަމަ ޞިއްޙީ އެތައް މައްސަލަތަކާއި ކުރިމަތިވެދާނެއެވެ. ފެންބުއިމުން ޞިއްޙީގޮތުން ކުރާ ބައެއް ފައިދާތަކުގެ ތެރޭގައި ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތް ރަނގަޅުކޮށްދިނުމަށް އެހީތެރިވެދިނުން، ހަކަތަ އުފައްދާދިނުމަށް އެހީތެރިވެދިނުން، ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދިނުން، ސިކުނޑީގެ ހިނގުން ރަނގަޅު ގޮތުގައި މަސައްކަތް ކޮށްދިނުމަށް އެހީތެރިވެދިނުން އަދި ހަމުގެ މައްސަލަތައް ދިމާވުމުން ރައްކާތެރިކޮށްދިނުމަށް އެހީތެރިވުން ހިމެނެއެވެ.

ހަމައެހެންމެ ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ދީނީ ގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި ރޯދަ ހިފުން(މީގެ ތެރޭގައި ސުންނަތް ރޯދަ ހިފުން)، ކަޅުދިރިބޭނުންކުރުން، ސުންނަތުން ޘާބިތުވާ ކެއުމުގެ އަދި ބުއިމުގެ ބާވަތްތައް ބޭނުންކުރުން، ގަވައިދުން قرآن ކިޔެވުން، 5 ވަގުތު ވުޟޫކުރުމާއި 5 ވަގުތުގެ ނަމާދުކުރުން، ދެއިރުގެ ޒިކުރުތައް ކިޔުން އަދި އެންމެ މުޙިއްމު އެއްކަމަކީ ފުރިހަމަ ޞިއްޙަތެއް ދެއްވުމަށާއި ނުރައްކާތެރި ބަލިތަކާއި ރޯގާތަކުން ރައްކާތެރިކޮށްދެއްވާ ސަލާމަތްކަން ދެއްވުން އެދި ހަށިގަނޑުގެ ވެރި އިލާޙް الله سبحانه وتعالي އަށް ދުޢާކުރުމެވެ.

މިލިޔުމުގައިވާ މަޢުލޫމާތުކޮޅަކީ އެއްބައި ފަރާތްތަކަށް އެނގޭ މަޢުލޫމާތުތަކެކެވެ. ނަމަވެސް މިމަޢުލޫމާތުތައް ނޭންގޭ ބަޔަކުވެސް ތިބޭނޭކަން ޔަގީންކުރެވޭތީވެ ޙިއްސާކޮށްލެވުނު މިމަޢުލޫމާތުކޮޅުން މަންފާއެއް ކުރާނެކަމުގައި ގަބޫލުކުރަމެވެ. ”ފަރުވާއަށްވުރެ ރައްކާތެރިވެ ތިބުން މޮޅުއިތުރެވެ“ މިއީ ހުރިހާ ފަރާތްތަކުންވެސް ވިސްނާލުން ވަރަށް މުޙިއްމު ނުކުތާއެކެވެ. دعاء އަކީ އެންމެހާ ނުރައްކާތެރި ބަލިތަކުން އަޅަމެން އެންމެންނަށް ރައްކާތެރިކަން ދެއްވަވާ ސަލާމަތްކަން ދެއްވުމެވެ. آمين

Leave a Reply

Your email address will not be published. Required fields are marked *