މުރަނގަ ގަހަކީ ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކެއްގައި ހެދޭ ޚާއްސަކޮށް ޓްރޮޕިކަލް ހިސާބުތަކުގައި ގިނައިން ހެދޭ އަދި އެގަހަކުން ގިނަ ބޭނުންތަކެއް ކުރެވޭ ވަރަށް ފައިދާ ބޮޑުގަހެކެވެ.
މުރަނގަ ގަހަށް އިނގިރޭސި ބަހުން ޑްރަމްސްޓިކް ޓްރީ، ހޯސްރެޑިޝް ޓްރީ އަދި ބެން ޓްރީ ގެ ނަންތަކުން ނަން ދެވިފައިވެއެވެ.އެގޮތުން ވަރަށް ކުރީއްސުރެންވެސް މިގަހުގެ ބޭނުން ބޭސްވެރިކަމުގައާއި ތަފާތު ކާތަކެތި ތައްޔާރުކުރުމުގައި ބޭނުންކޮށް އުޅުނުކަމުގައި ފާހަގަކުރެވެއެވެ. މުރަނގަ ގަހުގެ މަލާއި، ތަނޑި، ތޮޅި، ފަތް، ގޮފި، މޫ އަދި ގަހުގެ ލަކުޑިން ތަފާތު ބޭނުންތައް ކުރެވެއެވެ. އެފްރިކާގެ ބައެއް ހިސާބުތަކުގައި މުރަނގަ ގަހަށް (މުޢުޖިޒާތެއް ފަދަ ގަސް) މިގޮތަށް ނަންދެވިފައިވެއެވެ.ސަބަބަކީ މިގަހުން ތަފާތު ގިނަ ކަންކަން ކުރެވި މިގަހުން ގިނަގުނަ ލާބަ އާއި މަންފާލިބޭތީއެވެ. އަދި އިންޑިއާގެ ބައެއް ހިސާބުތަކުގައި އުޅޭ މީހުން މިގަހަކީ ވަރަށް ބަރަކާތްތެރި ގަހެއް ކަމުގައިވެސް ގަބޫލުކުރެއެވެ.
މުރަނގަ ގަހުގެ އެކި ބައިތަކުން ކުރެވޭ ބައެއް ބޭނުން ތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ:
މުރަނގަ ގަހުގެ މާ : މުރަނގަ މާ ބޭނުންކޮށްގެން ބޭހާއި ތެޔޮ ތައްޔާރު ކުރެއެވެ އަދި މުރަނގަ މާ ބޭނުންކޮށްގެން ސައި ތައްޔާރު ކޮށްހަދައެވެ.އަދި މާމުއި އުފައްދާ ބައެއް ފާމް ތަކުގައި މުރަނގަ މަާ ބޭނުންކޮށްގެން މާމުއި ކުޅަނދުރުތަކުން މާމުއި އުފައްދައިދިނުމަށް މަގުފަހިކުރުވައެވެ.
މުރަނގަ ގަހުގެ ތަނޑި : މުރަނގަ ގަހުގެ ތަނޑިއަކީވެސް ބޭސް ތައްޔާރުކުރުމަށް ބޭނުންކުރެވޭ ބައެކެވެ.އަދި މުރަނގަ ތަނޑި ބޭނުންކޮށްގެން ބައެއް ގައުމުތަކުގައި ސޫޕް އަދި ސަލަޑު ތައްޔާރު ކުރެއެވެ.
މުރަނގަ ގަހުގެ ތޮޅި : މުރަނގަ ގަހުގެ ތޮޅި ޢާއްމުކޮށް ބޭނުންކުރެވެނީ ތަފާތު ކާތަކެތި ތައްޔާރުކުރުމުގައެވެ.ނަމަވެސް މުރަނގަތޮޅީގެ އޮއް ހިއްކައިގެން ދޫނީގެ ކާނާތައްޔާރު ކުރުމަށާއި ބޭސްތައްޔާރު ކުރުމަށްވެސް ބޭނުންކުރެވެއެވެ.
މުރަނގަ ގަހުގެ ގޮފި : މުރަނގަ ގަހުގެ ގޮފި ބޭނުންކޮށްގެން ތަފާތު އެކި ފަރުމާތަކަށް އަތްތެރި މަސައްކަތްތައް ކުރުމާއި ދުންމާރިފަދަ ތަކެތި ތައްޔާރުކުރެއެވެ.އަދި މުރަނގަ ގަހުގެ ގޮތްޕަކީވެސް ބޭސްތައްޔާރުކުރުމަށް ބޭނުންކުރާ ބައެކެވެ.
މުރަނގަ ގަހުގެ ފަތް : މުރަނގަ ގަހުގެ ފަތް މީ މިގަހުގެ އެންމެ މުހިއްމު އަދި ފައިދާބޮޑު އެއްބައެވެ.އަދި ޢާއްމުކޮށް ގިނަބަޔަކު ބޭނުންކޮށް އުޅެނީވެސް މުރަނގަ ގަހުގެ ފަތެވެ . އަޅުގަނޑުމެންގެ ތެރޭގައި މުރަނގަ ފަތް ޢާއްމުކޮށް ބޭނުންކޮށް އުޅެނީ ކާބޯތަކެތި ތައްޔާރުކުރުމަށެވެ.ނަމަވެސް ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކުގައި މުރަނގަ ފަތް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރުމުގެ އިތުރުން މުރަނގަ ފަތް ބޭނުންކޮށްގެން ސައިބޯނި ތައްޔާރުކުރުމާއި ،ގަސްކާނާ ތައްޔާރުކުރުމާއި، މަސްކާނާ ތައްޔާރުކުރުމާއި، މުރަނގަ ފަތް ބޭނުންކޮށްގެން ތަފާތު އެކި ވައްތަރުގެ ބޭސް ތައްޔާރުކޮށްއުޅެއެވެ.މުރަނގަ ފަތުގައި ޞިއްޙަތަށް ފައިދާ ހުރި އެތަށް މާއްދާތަކެއް އެކުލެވިގެންވެއެވެ.
އޭގެތެރޭގައި ވިޓަމިންA، ވިޓަމިންB2، ވިޓަމިންB6، ވިޓަމިންC، ކެލްސިއަމް، އަޔަން، ޕޮޓޭސިއަމް، ސޯޑިއަމް،ފައިބަރ އަދި ޕްރޮޓީން ހިމެނެއެވެ.އަދި މުރަނގަ ފަތުގައި ތަފާތު އިންފެކްޝަންސް ތަކާއި ދެކޮޅަށް މަސައްކަތް ކުރާ މާއްދާތައްވެސް އެކުލެވިގެންވެއެވެ.އެގޮތުން މިފަތުގައި އެންޓި ބެކްޓީރިއާ، އެންޓި ފަންގަލް ، އެންޓި ޑިޕްރޭސެންޓް، އެންޓި އޮކްސިޑެންޓް ފަދަ ބައިތައް ހިމެނެއެވެ.
މުރަނގަ ގަހުގެ ބޭރުތޮށި : ދުނިޔޭގެ އެކި ހިސާބުތަކުގައި މުރަނގަ ގަހުގެ ބޭރު ތޮށި ބޭނުންކޮށްގެން ކުލަތައްޔާރު ކުރެއެވެ.އަދި މުރަނގަ ގަހުގެ ބޭރުތޮށި ބޭނުންކޮށްގެން ގެރި ބަކަރި ފަދަ ޖަނަވާރުންގެ ކާނާ ތައްޔާރުކުރުމަށާއި ބޭސް ތައްޔާރުކުރުމަށް ބޭނުންކުރެއެވެ.
މުރަނގަ ގަހުގެ ލަކުޑި : މުރަނގަ ގަހުގެ ލަކުޑި ބޭނުންކޮށްގެން ކަރުދާސް ތައްޔާރުކުރެއެވެ.އަދި މުރަނގަ ގަހުގެ ލަކުޑިން ފެންސުފަދަ ތަކެތި ހަދާއުޅެއެވެ.
މުރަނގަ ގަހުގެ ކިރު : މުރަނގަ ގަހުގެ ކިރު ބޭނުންކޮށްގެން ،ކާރޕެޓް،ރަގު ފަދަ އެއްޗެހީގައި ޕްރިންޓު ކުރާއިރު ބޭނުން ކުރެވެއެވެ.އަދި ތަފާތު އެކި ކަހަލަ ބޭސް ތައްޔާރުކުރުމުގައިވެސް މުރަނގަ ގަހުގެ ކިރު ބޭނުންކުރެއެވެ.
މިހާ ހިސާބުން މުރަނގަ ގަހުގެ ކުރު ތަޢާރަފަކާއި މިގަހުގެ މުޙިއްމު ކަމާއި މިގަހުން ކުރެވޭ ބައެއް ބޭނުންތައް ކިޔުންތެރިންނާއި ކޮންމެވެސް މިންވަރަކަށް ޙިއްސާ ކޮށްލެވުނުކަމުގައި އުއްމީދު ކުރަމެވެ.