ވަރަށް ގިނަ ފަރާތްތަކުން އަޅުގަނޑާއި ކުރައްވާ ސުވާލެއް އޮވޭ. އެއީ ބަނޑު ހިންދާލެވޭނެ ގޮތެއް ނެތްތޯ؟ ނުވަތަ ޝުބާ އުފައްދާ އެއްޗެހީގެ ތެރޭގައި ބަނޑުހިންދާލަން ބޭނުންކުރެވިދާނެ އެއްޗެއް ހުންނާނެތޯ؟
އެފަރާތްތަކަށް އަޅުގަނޑު ދީފައިވާނެ ޖަވާބަކީ ބަނޑުހިންދާލުމަށް އަޅުގަނޑު އަދި އެއްޗެއް ތައްޔާރުކޮށްފައިނުވާނެވާހަކަ. ނަމަވެސް މިއަދު އަޅުގަނޑު ޙިއްސާކޮށްލަދޭން މިއުޅެނީ ކުޑަ ހިތްވަރެއް ކޮށްލައްވައިގެން މިކަން ކުރެވިއްޖެނަމަ އަދި މިއާއި އެއްގޮތަށް ޢަމަލުކުރެވިއްޖެނަމަ މަދުދުވަސްކޮޅެއްގެ ތެރޭގައި ހިތްހަމަޖެހޭވަރުގެ ނަތީޖާއެއް އިންޝާالله ފެނިގެންދާނެފަދަ ބުއިމެކެވެ.
އަޅުގަނޑުމެންގެ ތެރޭގައި ގިނަ ބޭފުޅުންނަށް ދިރިއުޅުމުގެ މާޙައުލުގައާއި އަދާކުރައްވާ ވަޒީފާގެ ބުރަކަން ހުންނަ މިންވަރު ބޮޑުކަމުން ހަށިގަނޑުގެ ޞިއްޙީ ދުޅަހެޔޮކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވި ވަނީ ފަރުވާކުޑަކޮށްލެވިފައެވެ. އަޅުގަނޑުމެންނަށް ދުޅަހެޔޮކަންމަތީ ހުރުމަށްޓަކައި ކަސްރަތާއި ޞިއްޙަތަށް ފައިދާހުރި ކާނާ ބޭނުންކުރެވުންވެސް މިވަނީ ވަރަށްބޮޑުތަން ދުރުވެފައެވެ. މިހާރަކަށް އައިސް ގިނަފަހަރު އަޅުގަނޑުމެންނަށް ކަންކުރެވޭ ގޮތަކީ އަޅުގަނޑުމެން ކާންއޮންނަ ގަޑިތަކުގައި ކާލަންވެސް ވަގުތު އޮންނަނީ ނުވެފައެވެ. މިހެން މިކަން ދިމާވުމުން ގިނަފަހަރު ކޮންމެވެސްތަނަކުން ކާއެއްޗަކަށް އޯޑަރު ކޮށްލައިގެން އެއެއްޗެއް ކާލެވެނީއެވެ.
އެ ކެވުނު ކާއެއްޗަކީ ޞިއްޙަތަށް ފައިދާހުރި އެއްޗަކަށް ނުވިކަމުގައި ވިޔަސް ހާންތިވެފައި ހުންނަވަރު ބޮޑުކަމުން ނުވަތަ އެ ކާއެއްޗަކީ އަނގަޔަށް މީރު އެއްޗެއްކަމުގައިވާތީ އެއެއްޗެއް ކާލެވެނީއެވެ. ކައި ނިމުމަށްފަހު އެއްބައިފަހަރު ބައެއްބޭފުޅުން ކެވުނު އެއްޗަކާއި ދޭތެރޭގައި ދެރަވެ ދެން އެކަހަލަ ކާއެއްޗެއް ނުކެއުމަށް ޢަޒުމްކަނޑައަޅައެވެ. އެކަމަކު އަނެއްކާވެސް މިކަން މިގޮތަށް ތަކުރާރުކުރެވެނީއެވެ. މިގޮތަށް ޢަމަލު ކުރެވެންފެށީމާ ހަށިގަނޑުގެ އެކި ހިސާބުތަކުގައި ސަރުބީތައް އިތުރުވެ ޖަމާވާން ފަށައެވެ.
މިގޮތުން ހަށިގަނޑުގައި ސަރުބީ އިތުރުވެ މަސްޖަހަންފަށާ އެއްހިސާބަކީ ބަނޑެވެ. ބަނޑުލުމުގެ މައްސަލައަކީ ދެޖިންސުގެ ބޭފުޅުންނަށްވެސް ދިމާވާ އަދި އެކަމަކާއިހުރެ އެއްބައިބޭފުޅުން ލަދުގަނެ ހިތާމަކުރާ ކަމެކެވެ. ބަނޑުލުމުން ދެން އެއްބައިބޭފުޅުން ކަންކުރައްވާ ގޮތަކީ ކިތައްމެ ބަނޑުހައިވި ކަމުގައިވިޔަސް ނުކައިހުރެ ނުވަތަ ދުވާލަކު އެއްއިރަށް ވަރަށް މަދުމިންވަރަކަށް ކާލައިގެން ހުރެ ބަނޑުހިންދާލެވޭތޯ ބަލަނީއެވެ. މިގޮތަށް ކަންކުރަމުން އައިސް ކުރުމުއްދަތަކުން ހިތްހަމަޖެހޭފަދަ ނަތީޖާއެއް ފާހަގަނުކުރެވިގެން އުއްމީދުވެސް ކަނޑާލެވެނީއެވެ. ދެން އެހިސާބުން ނުކައިހުރެ ބަނޑު ހިންދާލުމުގެ މަސައްކަތް މާގިނަ ދުވަހަކަށް ކުރިއަކަށް ނުގެންދެވެއެވެ.
މިގޮތަށް ނުކައިހުރެ ހިކެން ނުވަތަ ބަނޑުހިންދާލުމަށް މަސައްކަތް ކުރުމުން އެއްބައިފަހަރު ޞިއްޙީއިތުރު މައްސަލަތައްވެސް ދިމާވާން ފަށައެވެ. އެގޮތުން ކާންއޮންނަ ހުރިހާ ގަޑިތަކެއްގައި ގަވައިދުން ކަމުންއަންނަ މީހަކު އަދި ކެއުމަށް ކަނޑައެޅިފައި އޮންނަ މިންވަރަށްވުރެ އިތުރަށް ކަމުންގެންގޮސްފައިވާ މީހަކު މި ގޮތަށް ކުއްލިއަކަށް ކެއުމަށް މިކަހަލަ ގޮތަކަށް ބަދަލު ގެނައިމާ އެއްބައިފަހަރު ވައިގެ މައްސަލަޖެހުން ،ބަނޑުހަރުވުން، ހަށިގަނޑުގައި ހަކަތަމަދުވުން ފަދަ ކަންކަން ދިމާވުން އެކަށީގެންވެއެވެ.
އޭގެ ބަދަލުގައި ކެއުމުގައި ގަޑިންގަޑިއަށް ކެވޭތޯ މަސައްކަތް ކުރުމަކީ މުޙިއްމު ކަމެކެވެ. އަދި ގަޑިން ގަޑިއަށް ނުކެވުނު ކަމުގައިވިޔަސް އެ ކާ ގަޑިއެއްގައި ކެއުންބަހައްޓަންވީ މިންގަނޑާއި ކެއުމުގައި ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުމަށް އިސްކަންދިނުމަކީ ވަރަށްވެސް މުޙިއްމު ކަމެކެވެ.
އަޅުގަނޑު ޙިއްސާކޮށްލަން މިއުޅޭ ބުއިމަކީ ބަނޑު ހިންދާލުމަށްޓަކައި ކުރު މުއްދަތެއްގެ ތެރޭގައި ހިތްހަމަޖެހޭވަރުގެ ބަދަލެއް ފާހަގަކުރެވިގެންދާނެ ބުއިމަކަށް އިންޝާالله ވާނެކަމުގައި އުއްމީދުކުރަމެވެ.
މިބުއިން ތައްޔާރުކޮށްލުމަށް ބޭނުންވާނީ:
• 3 ސައިސަމްސާ ކަޅު އިސްބަގުލް
• 2 އިންޗި ހުންނަވަރުގެ އިނގުރު ކޮޅެއް
• 5 ސައިސަމްސަލަށް ނަގާލެވޭވަރުގެ އެލޯވެރާގެ އެތެރެބައި
• ބޮޑު އެއް ލުނބޮއެއްގެ ހުތް
• 10 ވަރަކަށް ގަނދަކޯޅިފަތް
ތައްޔާރު ކުރާނެގޮތް: އެންމެ ފުރަތަމަ ބޯފެން ތައްޓަކަށް ބޯފެން އެޅުމަށްފަހު 3 ސައިސަމްސާ ކަޅު އިސްބަގުލް ފެންތައްޓަށް އަޅާފައި 10 ވަރަކަށް މިނެޓް ބަހައްޓާނީ.
އެއަށްފަހު އިނގުރުކޮޅުގެ ބޭރުތޮށި މަށާލާ ،އެލޯވެރާ ފަތުގެ ބޭރުތޮށި މަށާލާލުމަށްފަހު އެތެރޭގައި ހުންނަބައި ނަގާފަ ލުނބޮލުގެ ހުތާއި ގަނދަކޯޅިފަތްކޮޅާއި އެއްކޮށް ބައިތަށި ބޯފެން އަޅާ ރަނގަޅަށް މިކްސްޗަރ ކޮށްލުމަށްފަހު ފުރާނާލާނީއެވެ.
ދެން މަޑުކޮށްލާފައިހުރި އިސްބަގުލް ކޮޅާއި މިޖޫހާއި 1.5 ލީޓަރުގެ ހުސްފުޅިއަކަށް އަޅާނީއެވެ.މިއަށްފަހު ފުޅީގައި ހުސްކޮށްހުރިބަޔަށް ބޯފެންއަޅާފައި 10 ވަރަކަށް މިނެޓް ބެހެއްޓުމަށްފަހު ބޭނުންކުރަންފަށާނީއެވެ.
ބޭނުންކުރާނެ ގޮތް:
• ދުވާލުގެ 3 އިރަކަށް މީގެ ޖޫސްތައްޓެއް ބޯލާނީއެވެ.
ޚާއްސަ ސަމާލުކަމަށް:
• މާބަނޑު ދުވަސްވަރު މި ޖޫސް ބޯން ރަނގަޅެއް ނޫނެވެ.
• މި ޖޫސް ރަނގަޅީ އައިސްއަލަމާރީގައި ބަހައްޓައިގެން ބުއިމެވެ.
• ތައްޔާރު ކޮށްފައިވާ މި ޖޫސް 2 ދުވަސްތެރޭގައި ހުސްކޮށްލުން ރަނގަޅެވެ.
• މި ޖޫސް ބޮމުންގެންދާއިރު ބަނޑާއި އުނަގަނޑު މަތީގައި ހޫނުފެން ހަމުން ދުވާލަކު މަދުވެގެން 1 އިރަށް 20 ވަރަކަށް މިނެޓް ހޫނުކޮށްލުން ވަރަށް މުޙިއްމުވާނެއެވެ.
ތިޔަދެއްވި ވަގުތުކޮޅަށް ވަރަށް ބޮޑަ ޝުކުރިއްޔާ. މާތް الله ތިޔަހުރިހާ ބޭފުޅުންނަށްވެސް ދުޅަހެޔޮފާގަތި ދިރިއުޅުމެއް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރަމުންނީންމާލާނަމެވެ.