ބޮލުން ހަންފޮޅި ބޮލުން އިސްތަށި ފައިބާނަމަ ނުވަތަ ބޮލުންހަންނުފޮޅި ވިޔަސް ބޮލުން އިސްތަށި ފޭބުމަކީ މިހާރަކަށް އައިސް އަންހެނުންނަށާއި ފިރިހެނުންނަށްވެސް ދިމާވާ އެއްބައިފަހަރު ކަންބޮޑުވާ ދަރަޖައަށްދާވަރުގެ މައްސަލައެކެވެ. ދިރާސާތަކުން އެނގޭ ގޮތުގައި އެއްދުވަސްތެރޭގައި ގާތްގަނޑަކަށް 100 ވަރަަކަށް އިސްތަަށި އިންސާނެއްގެ ބޮލުން ފައިބާ ކަމުގައިވެއެވެ. އެއީ ނިދުމުގެ ތެރެއިންނާއި ފެންވަރާވަގުތު އިސްތަށިގަނޑު ދޮންނަ އިރުގައާއި އިސްތަށިގަނޑު ހިއްކާއިރުގައާއި ބޮލުގެ އިސްތަށިގަނޑުގައި ފުނާ އަޅާއިރުގައި އަދި އާދައިގެ މަތިން އުޅޭ އުޅުމުގައިވެސް ބޮލުން އިސްތަށި ފައިބައެވެ. އަދި މިގޮތަށް ފައިބާ އިސްތަށީގެ ބަދަލުގައި އަލުން އާ އިސްތަށި ފަޅައެވެ. ބޮލުގައި ހަންފޮޅެން މެދުވެރިވާ މައިގަނޑު ސަބަބަކީ މެލަސީޒިއާ ކިޔާ ފަންގަސްއެއް ބޮލުގެ ހަންގަނޑުގައި އުފެދި މި ފަންގަސް އިތުރުވެ އިސްތަށީގެ ބުޑުގައި ހުންނަ ތެޔޮކަމަށް އަސަރުކޮށް ބޮލުގެ ހަންގަނޑަށް ފެތުރި ސެލްތައްމަރުވެ ހިރަފުހާއި ތެތްކަމާއި އެކުވެ ހަންކޮޅުކޮޅަށް ނެއްޓެންފެށުމުންނެވެ. މިކަމުގެ އިތުރުންވެސްބޮލުގައި ހަންފޮޅެން މެދުވެރިވެދާނެ ޙާލަތްތަކެއް މެދުވެރިވެދާނެއެވެ. އޭގެތެރޭގައި މާބޮޑަށް ބޮލުގެ ހަންގަނޑު ތެޔޮވުމުން، މާ ބޮޑަށް ފަލަވުމުގެ ސަބަބުން، މާ ބޮޑަށް ފިކުރުބޮޑުވުމުގެ ސަބަބުން، މާ ފިނި މާޙައުލެއްގައި އުޅެވޭތީ ނުވަތަ މާ ހޫނުގަދަ މާޙައުލެއްގައި އުޅެވޭތީ ނުވަތަ ހަމުގެ ބައްޔެއްކަމުގައިވާ އެކްޒީމާ އަދި ސޯރިއާސިސް ފަދަ ބައްޔެއްގެ ސަބަބުންވެސް ބޮލުން ހަންފޮޅެން މެދުވެރިވެދާނެއެވެ. މީގެ އިތުރުން ބޮލުން ގިނައިން އިސްތަށި ފައިބަންމެދުވެރިވެދާނެ ބައެއް ސަބަބުތައް ތިރީގައި މިވަނީއެވެ.
•ހަކުރުބަލި ހުރުމުގެ ސަބަބުން
•ހޯރމޯންސް އިމްބެލެންސްގެ ސަބަބުން
•ބޭނުންކުރެވޭ ބޭސްތަކެއްގެ ސަބަބުން (އެގޮތުން ލޭމައްޗަށް ދިއުމަށާއި ހިތުގެ ބަލިތަކުގައާއި ދޭތެރެދުރުކުރުމަށް ބޭނުންކުރެވޭ އެއްބައި ބޭސްތައްހިމެނެއެވެ)
•އިސްތައްޓަށް ބޭނުންވާ މާއްދާތަކެއް މަދުވުމުން ނުވަތަ މާއްދާއެއް އިތުރުވެގެންވެސް އެއްބައިފަހަރު ބޮލުން އިސްތަށި ފައިބަން މެދުވެރިވެއެވެ.( އެގޮތުން ވިޓަބިން B،އަޔަން،ޕްރޮޓީން ހިމެނެއެވެ. އަދި ވިޓަމިން A ފަދަ މާއްދާއެއް އިތުރުވުމުންވެސް ބޮލުން އިސްތަށިފައިބަން މެދުވެރިވެދާނެއެވެ.)
•ބޮލުގެ އިސްތަށިގަނޑު ތަފާތު ގޮތްގޮތަށް ޒީނަތްތެރިކޮށް ބައްޓަން ކުރުމުގެ ގޮތުން ބޭނުންކުރެވޭ ތަފާތު ޖެލް ތަކާއި ކްރީމްތައް އަދި އިސްތަށިގަނޑު ދޮންނަން ބޭނުންކުރެވޭ އެއްބައި ޝޭމްޕޫތަކުގެ ސަބަބުންވެސް ބޮލުން އިސްތަށި ގިނައިން ފައިބަން މެދުވެރިވެދާނެއެވެ.
•ބޮލުން އިސްތަށި ގިނައިން ފޭބުން މިއީ ޢާއިލީ ގޮތުންވެސް އެއްބައިފަހަރު ވާރުތަވާ ކަމެކެވެ.
މިއަދު އަޅުގަނޑު ޙިއްސާކޮށްލަން މިއުޅެނީ ބޮލުގައި ހަންފޮޅި އަދި ބޮލުން އިސްތަށި ގިނައިން ފައިބާނަމަ ކޮށްލެވިދާނެ ފަރުވާއެކެވެ.
ބޭނުންވާނެ ތަކެތި:
•2 ގްރާމް ހުންނަވަރުގެ ހަބަރުކޮޅެއް
•5 އެމްއެލްގެ އިނގުރުދިޔަ
•10 އެމްއެލްގެ ލުނބޯހުތް
•50 އެމް އެލްގެ އާމަނަކަ ތެޔޮ
ތައްޔާރުކުރާނެ ގޮތް:
ކުޑަ ތެއްޔެއް ނުވަތަ ކައްކާލަން އެކަށީގެންވާ އެއްޗެއްގައި ހަބަރުކޮޅާއި އިނގުރުދިޔައާއި ލުނބޮލުގެ ހުތް އަޅާ އެންމެމަޑުގިނިމަތީގައި 1 މިނެޓް ވަރު ހޫނުކޮށްލާނީއެވެ. އެއަށްފަހު މީގެތެރެއަށް އާމަނަކަ ތެޔޮ އަޅާލާފައި 5 މިނެޓް ވަންދެން މަޑުގިނީގައި ހޫނުކޮށްލާނީއެވެ.
ބޭނުންކުރާނެގޮތް:
ބޮލުގައި އުނގުޅޭވަރަށް މިތެޔޮ ހިހޫވެލީމާ ބޮލުގެ އިސްތަށިގަނޑާއި ބޮލުގެ ހަންގަނޑުގައި މި ތެޔޮ ރަނގަޅަށް އުނގުޅުމަށްފަހު ތުނިފޮތިކޮޅަކުން ބޯނިވާވާގޮތަށް ބަންދުކޮށްލާފައި ގާތްގަނޑަކަށް 2 ގަޑިއިރުވަންދެން ބަހައްޓާނީއެވެ. މިއަށްފަހު ޝޭމްޕޫ ބޭނުންކޮށްގެން ރަނގަޅަށް ބޯދޮވެލާނީއެވެ. މިގޮތަށް ހަފްތާއަކު މަދުވެގެން އެއްފަހަރު ކަންކޮށްލުން ރަނގަޅެވެ. އަދި މިގޮތަށް ރަނގަޅު ނަތީޖާއެއް ފެންނަންދެންވެސް ކުރިއަށް ގެންދެވިދާނެއެވެ.
މި ޙިއްސާކޮށްލެވުނު ފަރުވާގެ ސަބަބުން ފައިދާކުރާނެ ކަމުގައި އުންމީދުކުރަމެވެ.ހުރިހާ ފަރާތްތަކަށްވެސް ދުޅަހެޔޮކަމާއި ބާއްޖަވެރިކަމަށް އެދެމެވެ.