Fetured Image
އިސްލާމްދީނާއި މުސްލިމުން

މަރު

الله تبارك وتعالى ޚަލްޤު ކުރެއްވެވި ކޮންމެ އެއްޗަކަށްވެސް ނިމުން އަންނާނެއެވެ. الله تبارك وتعالى ގެ ޒާތުފުޅު ފިޔަވައި ދުނިޔެއާއި އުޑުތަކާއި އަދި މުޅިކާއިނާތުގައިވާ ދިރުން އެއްކޮށް މަރުވެ ހަލާކުވެ ނެތިގެންދާނެއެވެ. މަރަކީ އަޅުގަނޑުމެންނަށް ދުނިޔެމަތީގައި ޔަގީންވާ އެންމެ ބޮޑު ހަގީގަތެވެ.

الله تبارك وتعلي ވަޙީކުރައްވާފައިވެއެވެ: «ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ދެކޭނެތެވެ». (سورة آل عمران:١٨٥) މަރުވާ ވަގުތު ފުރާނަ ހިއްޕެވުމަށްޓަކައި الله تبارك وتعالى ވަނީ އެކަލާނގެ މަލާއިކަތުންގެ ތެރެއިން އެންމެ އިސްކޮށް މަލަކުލް މައުތް عليه سلام އައްޔަން ކުރައްވަވާފައެވެ.

الله تبارك وتعالي ގެ ވަޙީބަސްފުޅުގައި މިކަން އަންގަވާދެއްވާފައިވެއެވެ: «ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ފުރާނަތައް ހިއްޕެވުމާއި ހަވާލުކުރައްވާފައިވާ މަލަކުލް މައުތް ތިޔަބައިމީހުންގެ ފުރާނަތައް ގެންދަވާނެއެވެ. ދެން ތިޔަބައިމީހުން ރުޖޫޢަ ކުރައްވާހުށީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ހަޟްރަތަށެވެ».(سورة السجدة:١١)

ދުނިޔޭގައި އަޅުގަނޑުމެން އުޅުމަށް ލިބިފައިވަނީ ވަރަށްވެސް ކުރުމުހުލަތެކެވެ. އަދި ދުނިޔެ މީ އިންސާނުންނާއި ޖިންނީން އިމްތިޙާނު ކުރެއްވުމަށްޓަކައި ފޮނުވާފައިވާ ތަނެކެވެ.

الله تبارك وتعالى ގެ ވަޙީބަސްފުޅުގައި އެކަން އަންގަވާދެއްވާފައިވެއެވެ. «އެކަލާނގެއީ ތިޔައިގެ ތެރެއިން ޢަމަލުތައް އެންމެ ރަނގަޅީ ކާކުތޯ ބެއްލެވުމަށް މަރުވުމާއި ދިރިހުރުން ލެއްވި ރަސްކަލާންގެއެވެ. އަދި އެކަލާނގެއީ ޢަޒީޒްވަންތަ ގިނަގިނައިން ފާފަފުއްސަވާ އިލާހެވެ». (سورتل ملك :٢)

އަދިވެސް الله تبارك وتعالى ވަޙީ ކުރައްވާފައިވެއެވެ. «ތިމަންރަސްކަލާންގެ ޖިންނީންނާއި އިންސީން ތިމަންރަސްކަލާންގެ އަށް އަޅުކަންކުރުމަށް މެނުވީ ނަހައްދަވަމެވެ». (سورة الذاريات :٥٦)

މުސްލިމުންގެ ހައިސިއްޔަތުން މަރާއި ދޭތެރޭގައި އަބަދުވެސް އަޅުގަނޑުމެން ފުންކޮށް ވިސްނާ މަރުމަތިން ހަނދާންކޮށް އެއަށް އަބަދުވެސް ތައްޔާރުވެ ތިބެންޖެހެއެވެ. އަދި ގިނަގިނައިން މަރުމަތިން ހަނދާންކޮށް މަރުވާނެކަން ދަނެ މަރަށް ތައްޔާރުވެ ހުންނަ މީހާއީ އެންމެ ބުއްދިވެރިން ކަމުގައި ރަސޫލު الله ޞައްލައް الله ޢަލައިހި ވަސައްލަމްގެ ޙަދީޘްބަސްފުޅުން އެނގެއެވެ.

ރަސޫލުއް الله ޞައްލައް الله ޢަލައިހި ވަސައްލަމްގެ އަރިހަށް އަންޞާރުންގެ ތެރެއިން މީހަކު އައިސް އެކަލޭގެފާނަށް ސަލާމް ދަންނަވާ ސުވާލު ކުރިއެވެ. އޭ الله ގެ ރަސޫލާއެވެ! މުއުމިނުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ ބަޔަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޖަވާބުގައި ޙަދީޘްކުރެއްވިއެވެ. ”އެމީހެއްގެ ކިބައިގައި އެންމެ ރިވެތި އަޚްލާގު އަށަގަނެފައިވާ މީހާއެވެ“. އެމީހާަ އަނެއްކާވެސް ސުވާލުކުރިއެވެ. އެބައެއްގެ ތެރެއިން އެންމެ ޙިކުމަތްތެރި ބަޔަކީ ކޮންބައެއްތޯއެވެ؟ އެކަލޭގެފާނު ޖަވާބުގައި ޙަދީޘްފުޅު ކުރެއްވިއެވެ. ”މަރުމަތިން ގިނަގިނައިން ހަނދާންކޮށް އެ މަރަށް ތައްޔާރުވެ ހުންނަ މީހާއީ އެންމެ ޙިކުމަތްތެރި މީހާއެވެ“.(سنن ابن ماجه:٤٢٥٩)

ނަމަވެސް ހިތާމަހުރި ޙަގީގަތަކީ ގިނަމީހުން ވަނީ މަރާއި ދޭތެރޭގައި ވަރަށް ބޮޑަށް ޣާފިލުވެގެންކަމެވެ. ދުނިޔޭގެ ހަލަބޮލި ދިރިއުޅުމާއި އުފަލާއި މަޖާކުރުމުގައި އަދި ދުނިޔޭގެ ޒީނަތްތެރިކަމާއި ދުނިޔޭގެ މަސްތުގެ އަވާގައި ޖެހި ގިނަބަޔަކު މިވަނީ މާބޮޑަށްވެސް މަރު ހަނދުމަނެތިކޮށްލާފައެވެ. މިގޮތަށް މިކަންވުމަކީ ވަރަށް ހިތާމަހުރި އަދި ބިރުހުރި ކަމެކެވެ. ސަބަބަކީ މަރަކީ އުމުރަކަށް ،ކުލައަކަށް، މުއްސަންޖަކަށް އަދި ފަގީރަކަށް ބެލުމެއްނެތި ދުނިޔެ ފެށުނީއްސުރެން ޚަލުގުކުރެއްވުނު ހުރިހާ މަޚްލޫގުންނާއި ކުރިމަތިވަމުން އަންނަ އެންމެ ބޮޑު ހަގީގަތެވެ.

އެއްބައިމީހުން ދުނިޔޭގައި ދިިރިއުޅެމުންދާއިރު ކުރިމަތިވާ ބޮޑެތިކަންކަމާއި ލިބޭ ހިތްދަތިކަމުގެ ސަބަބުން އެއްބައިފަހަރު މަރުވުމަށް އެދެވެއެވެ. ނަމަވެސް މިގޮތަށް މަރުވުމަށް އެދުމަކީ ރަނގަޅު ގޮތެއްނޫނެވެ. މިކަމަށް އިޝާރާތް ކުރައްވަވާ ރަސޫލު الله صل الله عليه وسلم ގެ ޙަދީޘްބަސްފުޅެއްގެ މާނައިގައިވެއެވެ: ”ތިޔައިގެ ތެރެއިން އެއްވެސް މީހަކާއި މުޞީބާތެއް ކުރިމަތިވިނަމަވެސް ތިޔަބައިމީހުން މަރުވުމަށް ނޭދޭށެވެ. މަރުވުމަށް އެދޭނަމަ އެމީހަކު މިގޮތަށް ބުނާށެވެ. ޔާ الله! މިއަޅާގެ ދިރިހުރުން އެއީ މިއަޅާއަށް ހުރި ހެވެއް ކަމުގައި ވަނީނަމަ މިއަޅާ ދުނިޔޭގައި ލަހައްޓަވާފާންދޭވެ. އަދި މިއަޅާގެ މަރުވުން އެއީ މިއަޅާއަށް ރަނގަޅު ގޮތްކަމުގައި ވާނަމަ މިއަޅާގެ މަރުގެންދަވާފާންދޭވެ“.(سنن ابن ماجه:٤٢٦٥)

އިންސާނުންގެ ތެރެއިންނާއި ޖިންނީންގެ ތެރެއިން الله تبارك وتعالى އަށް ނުކިޔަމަންތެރި ފާފަވެރި އަޅުންނަށް އަދި ކާފަރުންނަށް މަރުގެ ވަގުތަކީ ބިރުހުރި ވޭންދެނިވި ވަގުތެކެވެ. މަރުވާ ވަގުތުގައި އެއްބަޔަކަށް އެވަގުތު ދިގުލައިގެންދިއުމާއި އަނެއް ބަޔަކަށް މަދުވަގުތުކޮޅެއްގެ ތެރޭގައި ފަސޭހަކަމާއިއެކު އެބައެއްގެ ފުރާނަ ގެންދަވާފާނެއެވެ. އެއީ މަރުވާ ވަގުތުގައި މަރުގެ ސަކަރާތަކީ އެކި ފުރާނަތަކާއި ކުރިމަތިވާއިރު އެކި ގޮތްގޮތަށް އެކި މިންވަރަށް ކުރިމަތިވާ ކަމެކެވެ. الله تبارك وتعالي ގެ ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ: «އެންމެފަހުން މަރުގެ ސަކަރާތް ޙައްޤުގޮތުގައި ކުރިމަތިވާހުއްޓެވެ.އެއީ ތިބާ އެއަށް ފިލަންއުޅުނުކަމުގައިވި މަރެވެ».(سورة ق:١٩)

ހަމައެހެންމެ މި ނާޒުކު ވަގުތަކީ އެފުރާނައަކަށް ތަފާތު ނުބައި ވަސްވާސްދިނުމަށް ޝައިޠާނާ މަސައްކަތްކުރާނެ ވަގުތެކެވެ.މަރުގެ ވަގުތުގައި ޝައިޠާނާގެ ނުބައި ވަސްވާސްތަކުން ރައްކާތެރިކޮށްދެއްވުން އެދި ކުރާ ދުޢާއެއް ރަސޫލު الله ޞައްލައް الله ޢަލައިހި ވަސައްލަމްގެ ޙަދީޘްބަސްފުޅުން އަންގަވާދެއްވާފައިވެއެވެ.

ރަސޫލާ ޞައްލައް الله ޢަލައިހި ވަސައްލަމް މިފަދައިން ވިދާޅުވެ ދުޢާފުޅުކުރައްވާ ކަމުގައިވާ ވެއެވެ.

“‏ وَأَعُوذُ بِكَ أَنْ يَتَخَبَّطَنِي الشَّيْطَانُ عِنْدَ الْمَوْتِ” – ސުނަން ނަސާއީ (ޙަސަން) މާނައީ: “އަދި މަރުގެ ވަގުތުގައި ޝައިޠާނާ ތިމަންއަޅާ އިބައިލާހުގެ މަގުން އެއްކިބާ ކުރުމުން އިބައިލާހުގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ!”

ހެޔޮ ޢަމަލުކުރުން ގިނަކޮށް الله تبارك وتعالي އެންގެވި ގޮތަށް އުޅެ އެކަލާންގެ އަށް ތަޤްވާވެރިވެ އަދި އެކަލާންގެ ރަސޫލާއަށް ކިޔަމަންގަނެގެން އުޅުނު އަޅުތަކުންގެ ފުރާނަ ގެންދަވާ ވަގުތަކީ އެބަޔަކަށް އުފާވެރިކަން ލިބިގެންދާނެ ވަގުތަކަށްވާނެއެވެ.

ރަސޫލު الله ޞައްލައް الله ޢަލައިހި ވަސައްލަމްގެ ޙަދީޘްބަސްފުޅެއްގެ މާނައިގައިވެއެވެ: ”ހަމަކަށަވަރުން މުއުމިން އަޅާ ދުނިޔޭން ވަކިވެ އާޚިރަތާއި ކުރިމަތިލަމުންދާ ވަގުތު އޭނާގެ ގާތަށް އުޑުން މަލާއިކަތުން ފައިބައިވަޑައިގަންނަވާނެއެވެ. އެމަލާއިކަތުންގެ މޫނު ވާނީ އިރު ފަދައިން އަލިވެ އުޖާލާ ވެގެންނެވެ. އެމަލާއިކަތުންގެ އަތްޕުޅުގައި ސުވަރުގޭގެ ކަފުނުން ކަފުންކޮޅެއް ވާނެއެވެ. އަދި ސުވަރުގޭގެ ހުވަނދުން ހުވަނދު ވާނެއެވެ. އަދި އެމަލާއިކަތުން އޭނާގެ ލޮލުކޮޅަށް ފެންނަހާ ދުރުގައި އިށީންނަވާނެއެވެ. އެއަށްފަހު މަލަކުލް މައުތުعليه سلام ވަޑައިގެން އޭނާގެ ބޯލާކޮޅުގައި އިށީންނަވާނެއެވެ. އަދި ވިދާޅުވާނެއެވެ. “އޭ ހެޔޮވެގެންވާ ފުރާނަޔާއެވެ! މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުމަށް ނުކުންނާށެވެ!” އެހިނދުން އެ ފުރާނަ ކަންވާރުގެ އަނގައިން ފެންތިކި އޮހޮރިގެންދާ ފަދައިން ނުކުންނާނެއެވެ. އެހިނދުން (މަލަކުލް މައުތު عليه سلام) އެ ފުރާނަ ހިއްޕަވާނެއެވެ. ހިތްޕެވުމުން، މަލާއިކަތުން އެފުރާނަ ނަންގަވާ އެ ކަފުނާއި ފޭރާމުގައި ނުލައްވާ (މަލަކުލް މައުތު عليه سلامގެ) އަތްޕުޅުގައި ލޮލުގެ އެސްފިޔަ ޖަހާލާ މިންވަރުގެ ވަގުތުކޮޅަކަށްވެސް ނުބާއްވަވާނެއެވެ. އަދި އޭގެން ދުނިޔޭގައިވާ އެންމެ މީރުވަސްދުވާ ހުވަނދުގެ ވަސް ދުވާނެއެވެ.

ދެން (އެ މަލާއިކަތުން) އެ ފުރާނައާއިގެން (އުޑަށް) އަރާ ވަޑައިގަންނަވާނެއެވެ. އެމަލާއިކަތުންނާއި އުޑުން ބައްދަލުވާ މަލާއިކަތުންގެ ހަމަ ކޮންމެ ޖަމާޢަތަކުންވެސް ދަންނަވާނެއެވެ. މިއީ ކޮން ހެޔޮ ފުރާނައެއްތޯއެވެ؟ އެމަލާއިކަތުން ދަންނަވާނެއެވެ. މިވެނި މީހެއްގެ ދަރި މިވެނި މީހެކެވެ. (އެމަލާއިކަތުން ދަންނަވާނީ) އޭނާއަށް ދުނިޔޭގައި ކިޔާ އުޅުނު ނަންތަކުން އެންމެ ހެޔޮ ނަމެވެ. އެގޮތަށް އަރާވަޑައިގަންނަވަމުންގޮސް ދުނިޔޭގެ އުޑަށް އަރާވަޑައިގަންނަވާނެއެވެ. ދެން އޭނާއަށް (އުޑު) ހުޅުވާލެއްވުމަށް އެދުމުން އެބޭކަލުންނަށް ހުޅުވާލެވޭނެއެވެ. އަދި ކޮންމެ އުޑަކުންވެސް އެ އުޑެއްގައިވާ އަރިސް މަލާއިކަތުން އެ (ފުރާނައާއެކު) ޖެހިގެން އޮތް އުޑާއިހަމައަށް ވަޑައިގަންނަވާނެއެވެ. މިފަދައިން މިކަން ހިނގާ، ހަތްވަނަ އުޑާއި ހަމައަށް ފޯރުމުން، މާތް ﷲ ވަޙީކުރައްވާނެއެވެ! “ތިމަން ރަސްކަލާނގެ އަޅާގެ ފޮތް ޢިއްލިއްޔޫން ގައި ލިޔާށެވެ! އަދި އޭނާ ބިމަށް އަނބުރާ ގެންދާށެވެ! އެހެނީ ފަހެ ތިމަން ރަސްކަލާނގެ އެމީހުން ހެއްދެވީ އެތަނުންނެވެ. އަދި އެމީހުން ރުޖޫޢަކުރައްވާހުށީ އެތަނަށެވެ. އަދި ދެވަނަ ފަހަރަށް އެމީހުން ނެރުއްވާހުށީވެސް އެތަނުންނެވެ.” ( އަޙްކާމުލް ޖަނާއިޒް، އަލްބާނީ، ޞަފްޙާ 59)

الله تبارك وتعلي ވަޙީކުރައްވާފައިވެއެވެ : «އަނިޔާވެރިން މަރުގެ ސަކަރާތުގައި ވާ ހިނދު ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެނަމައެވެ. މަލާއިކަތުން އެވަގުތު ތިއްބަވާނީ އެމަލާއިކަތުންގެ އަތްޕުޅު ދިއްކުރައްވައިގެންނެވެ. އަދި ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ ފުރާނަތައް ނެރޭށެވެ! މިއަދު ތިޔަބައިމީހުންނަށް އިހާނެތި ޢަޛާބުން ޖަޒާ ދެއްވާނެތެވެ. އެއީ ތިޔަބައިމީހުން الله އާއި މެދު ބުނެ އުޅުނު ޙައްޤު ނޫން ބަސްތަކުގެ ސަބަބުންނާއި އެކަލާނގެ އާޔަތްތަކަށް އީމާންނުވެ ބޮޑާވެގެން އުޅުމުގެ ސަބަބުންނެވެ». (سورة الأنعام:٩٣).

އަދިވެސް އެކަލާންގެ ވަޙީބަސްފުޅުގައި އަންގަވާދެއްވާފައިވެއެވެ. «މަލާއިކަތުން ކާފިރުވި މީހުންގެ މަރު ހިއްޕަވާއިރު ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެނަމައެވެ. އެއުރެންގެ މޫނުތަކުގައާއި ބުރަކަށިތަކުގައި އެ މަލާއިކަތުން ތަޅުއްވާ ޙާލުގައެވެ. އެހިނދު އެމަލާއިކަތުން ވިދާޅުވާނެތެވެ. ތިޔަބައިމީހުން އަނދައަނދާ ހުރި އަލިފާނުގެ ޢަޛާބުގެ ރަހަ ލިބިގަންނާށެވެ».(سورة الأنفال :٥٠)

މަރުވާނެ ވަކި އުމުރަކާއި މަރުވާނެ ވަކި ވަގުތެއް އަދި މަރުވާނެ ވަކި ތަނެއް އެއީ އެއްވެސް ނަފްސަކަށް އެނގޭނޭ ކަންކަމެއް ނޫނެވެ. ކޮންމެތަނެއްގައި ހުރިކަމުގައިވިޔަސް ،ކޮންމެޙާލެއްގައި ހުރިކަމުގައިވިޔަސް އަދި ކޮންމެވަގުތަކުވެސް މަރުގެ ވަގުތު އައިސްދާނެކަމުގައި ދަންނަންޖެހޭނެއެވެ. އަދި މަރުގެ ވަގުތު އައުމުން އެމަރުގެ ވަގުތު އިތުރަކަށް އަވަސްކުރެއްވުމެއް އަދި ލަސްކުރެއްވުމެއްވެސްނުވެއެވެ. الله تبارك وتعالي ގެ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ: «އެއުރެންގެ އަޖަލު އައުމުން އެންމެ ހިނދުކޮޅަކަށްވެސް އެއުރެންނަކަށް ލަހެއް ނުކުރައްވާހުއްޓެވެ. އަދި އަވަހެއްވެސް ނުމެކުރައްވާ ހުއްޓެވެ». (سورة النحل:٦١)

އަދިވެސް الله تبارك وتعالي ގެ ވަޙީބަސްފުޅުގައިވެއެވެ: «އުސްވެގެންވާ ވަރުގަދަ ކިއްލާތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބިކަމުގައިވިޔަސް،ތިޔަބައިމީހުން ތިބި ކޮންމެތާކުން މަރާއި،ތިޔަބައިމީހުން ކުރިމަތިލާނެއެވެ».(سورة النساء:٧٨)

އަދިވެސް އެކަލާންގެ ވަޙީކުރައްވާފައިވެއެވެ: «އަދި އެއްވެސް ނަފްސަކަށް އެނަފްސެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭންގޭނެއެވެ». (سورة لقمان:٣٤)

މިހާ ހިސާބުން ސުލައިމާން عليه سلام ގެ ޒަމާނުގައި ހިނގި ކަމަށްބުނެވޭ ޙާދިސާއެއް ޙިއްސާކޮށްލާނަމެވެ. އެއްދުވަހެއްގައި ސުލައިމާން عليه سلام ގެ ދަރުބާރުގައި އެކަލޭގެފާނުގެ އަރިހުގައި މުސްލިމް ޒުވާނަކު ޙާޞިރުވެއިނެވެ. އެމަޖްލިސްގައި އިންސާނެއްގެ ސޫރައިގައި މަލަކުލް މައުތް عليه سلام ވެސް ޙާޞިރުވެޑައިގެން އިންނެވިއެވެ. އެމީހަކާއި ދިމާލަށް މަލަކުލް މައުތް عليه سلام ބައްލަވާ ގޮތަކުން މި ޒުވާނާ އިނީ ވަރަށް ބިރުގަނެފައެވެ. މަލަކުލް މައުތް عليه سلام ގެ ނަޟަރު ވަނީ އެޒުވާނާއަށް ހުއްޓިފައެވެ. އެޒުވާނާ މާބޮޑަށް ބިރު އިޙުސާސްކުރެވެން ފެށުމުން ސުލައިމާން عليه سلام ގެ އަރިހުގައި މިވާހަކަ ދަންނަވައިފިއެވެ. މި ޒުވާނާ މި ދެންނެވީ ތިމަންނަ އާއި ދިމާލަށް އެމީހަކު ބަލަހައްޓައިގެން އިންނަ ގޮތަކުން ވަރަށް ބިރުގަންނަ ކަމަށާއި އަދި ކަލޭގެފާނު ވަޔަށް އަމުރުކުރައްވައިގެން ތިމަން ހިންދުކަރައިގެ ބިމަށް ގެންގޮސްދެއްވާތޯއެވެ. އެކަލޭގެފާނު އެމީހާ އެބުނި ގޮތަށް ކަންތައް ކޮށްދެއްވައިފިއެވެ. އޭގެ ކުޑަދުވަސްކޮޅެއް ފަހުން ސުލައިމާން عليه سلام އާއި މަލަކުލް މައުތް عليه سلام އާއި ބައްދަލުވެވަޑައިގަތެވެ. އަދި މަލަކުލް މައުތް عليه سلام އާއި އެކަލޭގެފާނު ބައްދަލުވެވަޑައިގެންނެވިއިރު މަލަކުލް މައުތް عليه سلام ގެ މޫނުފުޅުން ވަރަށް އަޖައިބުވެވަޑައިގެން ހުންނެވިކަން ފާހަގަކުރެއްވުނެވެ. އެކަލޭގެފާނު މަލަކުލް މައުތްعليه سلام އަރިހުން އަޖައިބުވެވަޑައިގެން ހުންނެވީ ކޮން ސަބަބަކާތޯ ސުވާލުކުރެއްވިއެވެ. މަލަކުލް މައުތް ޖަވާބުގައި ވިދާޅުވިއެވެ. އެދުވަހުގައި الله تبارك وتعالي އަމުރުފުޅު ކުރެއްވެވީ ކަލޭގެފާނުގެ ދަރުބާރުގައި އިން އެ ޒުވާން މީހާގެ ފުރާނަ ގެންދެވުމަށެވެ، އެކަމަކު އެމީހާގެ ފުރާނަ ގެންދެވުން ކަނޑައެޅިފައިވީ ހިންދުކަރައިގެ ބިމުގައި ކަމަށް. އެހެންކަމުން މަލަކުލް މައުތް عليه سلام އެކަލޭގެފާނުގެ އަރިހުގައި ދެންނެވީ އެކަން އެހެންވީ ކަމަށްޓަކައި އަޖައިބުވެ ހުންނެވިކަމަށް. އަދި ސުލައިމާން عليه سلام މަލަކުލް މައުތް عليه سلام އަރިހުގައި ދެންނެވީ އެދުވަހުގައި ކަލޭގެފާނު ފެނުމުން އެ ޒުވާނާ ވަރަށް ބިރުގަނެގެން އުޅުނު ކަމާއި އަދި އޭނާގެ އެދުމުގެ މަތިން ތިމަންކަލޭގެފާނު ވައިގެމަތީގައި އޭނާ ހިންދުކަރައިގެ ބިމަށް ގެންގޮސްދެއްވިކަމަށެވެ.

މި ވާހަކަ އަކީ ޞައްޙަ ޙަދީޘަކުން ޘާބިތުވާން ނެތް ވާހަކައެއް ކަމުގައިވިޔަސް، މިވާހަކަ އާއި މިކަހަލަ އެހެން ވާހަކަތަކަކީ އެއިން ބަޔަކަށް ޢިބުރަތެއް ނުވަތަ ހަނދާންކޮށްދިނުމަކަށް ފުދޭނެ ވާހަކަތަކެކެވެ. އެހެންކަމުން މިވާހަކައިން އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ އެމީހަކުގެ މަރު ލިޔުއްވާ ކަނޑައެޅިފައިވާ ބިމަކަށް ،ތަނަކަށް ނުވަތަ ޙާލަތަކަށް އަދި އެވަގުތަކަށް އެމީހަކަށް ދެވޭނެކަމެވެ.

الله تبارك وتعلي ގެ ވަޙީބަސްފުޅުގައި އަންގަވާފައިވެއެވެ: «الله ގެ އިޛުނަފުޅާލައިގެން މެނުވީ މަރުވުމަކީ އެއްވެސް ނަފްސަކަށް އޮތްކަމެއްނޫނެވެ. އެކަންއޮތީ ވަގުތުކަނޑައެޅި ލިޔުއްވިފައެވެ». (سورة آل عمران:١٤٥)

އަޅުގަނޑުގެ ދުޢާއަކީ الله تبارك وتعالي އަޅުގަނޑުމެންނަށް ތެދުމަގު ދައްކަވާ އެތެދުމަގުގައި ޘާބިތުވެހުރުމުގެ ތައުފީގުދެއްވުމެވެ. އަދި ގިނަގިނައިން ތައުބާވެ އެއިލާހުގެ އެންގެވުންތަކަށް ކިޔަމަންވެ ހެޔޮޢަމަލުކުރުން ގިނަ ބައެއް ކަމުގައި ލައްވަވާ އަދި މަރުގެ ވަގުތުގައި އަޅުގަނޑުމެންގެ ދުލުންބޭރުވާ އެންމެ ފަހު ކަލިމައެއް ކަމުގައި. لا إله إلا الله محمد رسول الله ލެއްވުމެވެ. آمين