އިންސާނީ ދަރިފަސްކޮޅުގެ އަޞްލު އުފެދިގެން އައިސްފައިވަނީ އާދަމް عليه السلام އާއި ޙައްވާ عليها السلام ގެ ފުށުންނެވެ. އާދަމް عليه السلام އާއި ޙައްވާ عليها السلام ދުނިޔޭގައި ވަޒަންވެރިވެވަޑައިގެންނެވުމަށްފަހު ދުނިޔޭގައި އިންސާނީ ދަރިފަސްކޮޅު ގިނަވަމުން އެކިކަންކޮޅުތަކަށް ބެހި މިހާރު މިވަނީ ދުނިޔޭގެ އެތައްމިތަނުގައި އިންސާނުން އާބާދުވެފައެވެ.
މަންމަ އާއި ބައްޕަ އަކީ އިންސާނާ ދުނިޔެއަށް އުފަންވުމުގެ އަޞްލުކަމުގައި ވާއިރު މާތްވެގެންވާ އިސްލާމްދީނުގައި މައިންބަފައިންނާއި ދޭތެރޭގައި އޯގާތެރިވުމަށް އަދި މައިންބަފައިންނަށް ނުކިޔަމަންތެރިނުވުމަށް އިންތިހާ ދަރަޖައަށް ބާރު އަޅުއްވާފައިވާ ކަމީ މައިންބަފައިންގެ މަޤާމްގެ މަތިވެރިކަން އަންގައިދޭ މަތިވެރި ހެއްކެކެވެ.
ޚާއްސަކޮށް މަންމައަށް އިސްލާމްދީނުގައި މަތިވެރި ގަދަރަކާއި ދަރަޖައެއް ވަނީ ދެއްވާފައިވާއެވެ. މަންމައިންނަކީ ދަރިފުޅަށް ބަލިވެއިނީއްސުރެން ގިނަތަކުލީފުތަކަކާއި ގުރުބާނީތަކެއް ތަޙައްމަލް ކުރަމުން އައިސްފައިވާ އަދި ދަރިންނަށް ލޯތްބާއި ތަރުބިއްޔަތު ދިނުމުގައި އެންމެ ބޮޑަށް މަސައްކަތް ކުރާ އެކަކެވެ. މަންމައިންނަކީ ދަރިންނަށްވާ ނަމޫނާބައެކެވެ.
ރަސޫލުއް الله ޞައްލައް الله ޢަލައިހި ވަސައްލަމް ގެ އަރިހަށް މީހަކު އައިސް ސުވާލެއް ދެންނެވިއެވެ. އޭ الله ގެ ރަސޫލާއެވެ! ތިމަން އެންމެ ބޮޑަށް ހެޔޮކޮށްހިތަންވީ ކާކަށްތޯއޭ؟ އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. ތިބާގެ މަންމައަށެވެ. އެމީހާ އަނެއްކާވެސް ސުވާލުކުރިއެވެ. ދެން ކާކަށްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. ތިބާގެ މަންމައަށެވެ. އެމީހާ އަނެއްކާވެސް ސުވާލުކުރިއެވެ. ދެން ކާކަށްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. ތިބާގެ މަންމައެވެ. އެމީހާ ހަތަރުވަނަ ފަހަރުވެސް ސުވާލުކުރިއެވެ.ދެން ކާކަށްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. ތިބާގެ ބައްޕައަށެވެ.(صحيح البخاري:٥٩٧١).
އެބަޔަކާއި ދޭތެރޭގައި އެންމެ ބޮޑަށް ހެޔޮކޮށްހިތަންޖެހޭ އެންމެ ޚާއްސަ އެއްބަޔަކީ މަންމައިންކަން މި ޙަދީޘްބަސްފުޅުން އެނގެއެވެ. ބައްޕައިންނަށްވެސް އޯގާތެރިކޮށް ހިތުމާއި އަދި ބައްޕައަށްދޭންޖެހޭ ގަދަރާއި ލޯތްބަކީ އެއްވެސް ޙާލެއްގައި އެކަމެއްގައި ފަރުވާކުޑަކޮށް އިހުމާލްވެގެންވާނެވަރުގެ ކަމެއްނޫނެވެ. ދަރިންނަށްޓަކައި ބައްޕައިންނަކީ ވެސް ބޮޑެތި ގުރުބާނީތަކެއްވާ އަދި ދަރިންހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމުގައި ވަރަށްވެސް ބޮޑު މަސްއޫލިއްޔަތެއް އަދާކުރަމުންގެންދާަ ޒިންމާދާރު ބައެކެވެ. ހަގީގަތަކީ ދަރިން ރަނގަޅު ގޮތުގައި ބޮޑުވަންދެން ގެންގުޅެ ދަރީންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދިނުމަށްޓަކައި މަންމައާއި ބައްޕަގެ ދައުރުވެސް ވަރަށް މުޙިއްމުވެފައި ބޮޑުކަމެވެ.
އަބޫ ދަރްދާ رضي الله عنه ވިދާޅުވިއެވެ. ރަސޫލުއް الله ޞައްލަ الله ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވަވާތީ އަޑުއެއްސެވީމެވެ. ސުވަރުގޭގެ މެދު ދޮރަކީ ބައްޕައެވެ. (އެބަހީ:ސުވަރުގެ އަށް ވަދެވުމުގެ އެންމެ މޮޅުއިތުރު ގޮތަކީ ). ވީމާ ފަހެ އެދޮރާއި ދޭތެރޭ ތިބާ ރައްކާތެރިވާށެވެ، ނުވަތަ އެ ދޮރު ތިބާ ނަގާލާށެވެ. (سنن ابن ماجه:٣٦٦٣)
ރަސޫލުއް الله ޞައްލައް الله ޢަލައިހި ވަސައްލަމް ގެ ޙަދީޘްބަސްފުޅެއްގެ މާނައިގައިވެއެވެ. އަޅަކު ހޯދާ، އެއަޅަކު ގަނެ އަދި އެއަޅަކު މިނިވަންކޮށްފުމަށްދާންދެން ދަރިއަކަށް ބައްޕައެއްގެ ޙައްގު އަދާކޮށްނުދެވޭނެއެވެ.(سنن ابن ماجه:٣٦٥٩)
الله سبحانه وتعالىٰ ގެ އަމުރުފުޅުތަކާއި އަދި ރަސޫލާ ޞައްލައް الله ޢަލައިހި ވަސައްލަމްގެ ހަދީޘް ބަސްފުޅުތަކުންވެސް މައިންބަފައިންނަށް އިޙްތިރާމް ކޮށް އޯގާތެރިވުމަށް އަންގަވާދެއްވާފައިވެއެވެ. މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެން އެންމެ ބޮޑަށް ލޯބިވާންޖެހޭނީ الله سبحانه وتعالي އާއި އެކަލާނގެ ރަސޫލް މުޙައްމަދު ޞައްލައް الله ޢަލައިހި ވަސައްލަމް ދެކެއެވެ. އަދި އެއަށްފަހު އެބައެއް ދުނިޔެއަށް އައުމުގެ އަޞްލު ކަމުގައިވާ އެބައެއްގެ މައިންބަފައިންދެކެއެވެ. މައިންބަފައިންނަށް އިޙްތަރާމް ކުރުމާއި އެމީހުންނާއި ދޭތެރޭގައި އޯގާތެރިކޮށް ކަންތައްތައް ކުރުމާއި އެމީހުންގެ ހިތުގައި ޖެހޭނެފަދަ އެއްވެސް ޢަމަލެއް ނުކުރުމަށް ކޮންމެ ދަރިއަކުވެސް ގަދަ އަޅާ މަސައްކަތް ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ދަރުމަހުރި އަޅުކަމެކެވެ. الله سبحانه وتعالىٰ އާއި އެކަލާންގެ ރަސޫލް މުޙައްމަދު ޞައްލައްالله ޢަލައިހި ވަސައްލަމް އަމުރުކުރައްވަވާފައިވާ ކަންތައްތަކާއި ދެކޮޅަށް މައިންބަފައިން އަމުރުނުކުރާހާ ހިނދަކު އެމީހުންނަށް ކިޔަމަންވާޖެހެއެވެ.
الله سبحانه وتعالىٰ ވަޙީ ކުރައްވަވާފައިވެއެވެ. ތިމަންރަސްކަލާންގެ އިންސާނާ އަށް އޭނާގެ މައިންބަފައިންނަށް އޯގާތެރިކޮށް ހިތުމަށް ވަޞިއްޔަތް ކުރެއްވީމެވެ.
(سورة الأحقاف :١٥)
އަދިވެސް އެކަލާންގެ ވަޙީ ކުރައްވަވާފައިވެއެވެ:
ތިމަންރަސްކަލާންގެ އިންސާނާ އަށް އޭނާގެ މައިންބަފައިންނަށް އޯގާތެރިކޮށް ހިތުމަށް އަމުރު ކުރެއްވީމެވެ. އަދި ތިބާއަށް އެކަމެއްގެ ޢިލްމު ލިބިފައިނުވާ އެއްޗަކާ ތިމަންއިލާހާއި ޝަރީކުކުރުމަށް އެމީހުން ބާރުއަޅައިފިނަމަ،ފަހެ އެމީހުންނަށް ތިބާ ކިޔަމަންނުވާ ހުށިކަމެވެ. ތިޔަބައިމީހުން އެނބުރި އައުން އޮތީ ތިމަން އިލާހުގެ ޙަޟްރަތަށެވެ. އޭރުން ތިޔަބައިމީހުން ޢަމަލުކޮށް އުޅުނު ކަންތަކުގެ ޚަބަރު ތިމަން އިލާހު ތިޔަބައިމީހުންނަށް އަންގަވާދެއްވާހުށީމެވެ. ( سورة العنكبوت :٨)
މައިންބަފައިންނާއި ދޭތެރޭގައި އޯގާތެރިކޮށް ހިތުމުން الله سبحانه وتعالي ގެ ރުހިވޮޑިގަތުން ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އިންޝާ الله ލިބިގެންދާނެއެވެ. އަދި ހަމައެހެންމެ މައިންބަފައިންނާއި ދޭތޭގައި އިހާނެތިކޮށް ކަންކުރުމާއި އެމީހުންނަށް އަނިޔާވެރިވުމަކީ ބޮޑެތިފާފަތަކުގެ ތެރޭގައި ހިމެނޭ އަދި އެޢަމަލު ތަކުގެ ޢުޤޫބާތް ދުނިޔެމަތީގައިވެސް ގިނަފަހަރު ލިބި އާޚިރަތުގައި ގަދަފަދަ ޢަޛާބުގެ ރަހަ ދެކެންޖެހޭ ނުރައްކާތެރި ކަމެކެވެ.
ރަސޫލުއް الله ޞައްލައް الله ޢަލައިހި ވަސައްލަމް ގެ ޙަދީޘްބަސްފުޅެއްގެ މާނައިގައިވެއެވެ. الله سبحانه وتعالي ގެ ރުހިވޮޑިގަތުން ލިބުން ވަނީ މައިންބަފައިންގެ ރުހުން ލިބުމުގައެވެ. އަދި الله سبحانه وتعالي ކޯފާއިސް ކުރައްވަވަނީ މައިންބަފައިންގެ ނުރުހުންތެރިކަމުގައެވެ. (جامع الترمذي:١٨٩٩)
މި ޙަދީޘްބަސްފުޅުގެ ޝަރަހާގައި އެވަނީ މައިންބަފައިންގެ ރުހުން ދަރިންނާއި ދޭތެރޭގައި ވާނަމަ الله سبحانه وتعالي ގެ ރުހިވޮޑިގަތުންވެސް ދަރިންނަށް ލިބޭނެކަން އަދި މައިންބަފައިން ދަރިންނާއި ދޭތެރޭގައި ނުރުހުންތެރިވެފައިވާނަމަ الله سبحانه وتعالي ގެ ކޯފާ ދަރިންނާއި ދޭތެރޭގައި އިސްވެވޮޑިގަންނަވާނޭކަމެވެ.
އެބައެއްގެ މައިންބަފައިންނަށް ހެޔޮކޮށް ކަންތައްކުރުމުގެ ގޮތުން ކުރެވިދާނެ އެންމެ މުޙިއްމު އެއްކަމަކީ އެމީހުންނަށްޓަކައި ހެޔޮ ދުޢާ ކޮށްދިނުމެވެ. މައިންބަފައިން ދުނިޔޭގައި ތިބި ކަމުގައިވިޔަސް އަދި ދުނިޔޭގައި ނެތް ކަމުގައިވިޔަސް އެބައެއްގެ މައިންބަފައިންނަށްޓަކައި ހެޔޮ ދުޢާ ކޮށްދޭންވާނެއެވެ.
الله سبحانه وتعالي ގެ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ.
އަދި އޯގާތެރިވުމުގެ ގޮތުން ނިކަމެތިކަމުގެ ފިޔަ، ތިބާ އެދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިއިލާހެވެ! ކުޑަކުއްޖެއްކަމުގައި މިއަޅާވީދުވަހުގައި އެދެމީހުން މިއަޅާ ގެންގުޅެބޮޑުކުރި ފަދައިން އެދެމީހުންނަށް ރަޙުމަތް ލައްވާފާންދޭވެ!(سورة الإسراء:٢٤)
ޤިޔާމަތްދުވަހުން ސުވަރުގޭގައި الله سبحانه وتعالي އެކަލާނގެ ޞާލިޙު އަޅުންގެ ތެރެއިން އެބައެއްގެ ދަރަޖަތައް އުފުއްލަވާ ދެއްވަވާނެ ބަޔަކުވާނެއެވެ. އެބަޔަކު ސުވާލު ކުރާނެއެވެ. ޔާ الله! މީ ތިމަންމެންނަށް ކިހިނަކުން ލިބުނު ދަރަޖައެއްތޯއޭ؟ އެހިނދު الله سبحانه وتعالي ވަޙީ ކުރައްވަވާނެއެވެ. މީ ތިބާގެ ދަރި ތިބާއަށްޓަކައި ފާފަފުއްސަވާދެއްވުން އެދި ކުރި ދުޢާގެ ސަބަބުންނެވެ.(مسند احمد:١٠٢٣٢)
މައިންބަފައިން ދުނިޔޭގައި ނެތަސް އެމީހުންނަށްޓަކައި ކޮށްދެވިދާނެ ބައެއް ހެޔޮ ޢަމަލުތައް ފާހަގަކޮށްލާނަމެވެ
•މައިންބަފައިންނަށް ހެޔޮ ދުޢާ ކޮށްދިނުން.
• މައިންބަފައިންނަށްޓަކައި ޞަދަގާތް ކޮށްދިނުން
•މައިންބަފައިންގެ ދަރަންޏެއްވާނަމަ އެދަރަނި އަދާކޮށްދިނުން
•މައިންބަފައިންނަށްޓަކައި ޙައްޖުގެ ނުވަތަ ޢުމްރާގެ އަޅުކަން އަދާކޮށްދިނުން
•ޤުރުއާން ކިޔަވާ އޭގެ ދަރުމަ މައިންބަފައިންނަށް ދެއްވުމަށް އެދުން
•މައިންބަފައިންނަށް ދަރުމަ އަށް އެދިގެން ރޯދަ ހިފުން
•މައިންބަފައިން ކޮށްފައިވާ ވަޞިއްޔަތްތައް ފުއްދާދިނުން
•މައިންބަފައިންގެ އެއްބަނޑު އެއްބަފާ ތިމާގެ މީހުންނާއި އަދި ގާތް ރަޙުމަތްތެރިންނާއި ގުޅުން ބަދަހިކުރުން
ވީމާ މައިންބަފައިންނަށް ހެޔޮކޮށްހިތާ އެމީހުންނާއި ދޭތެރޭގައި ލޯބިންއުޅުމަކީ الله سبحانه وتعالي ގެ ރުހިވޮޑިގަތުން ހާސިލުވެ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް އޮތް އެންމެ ރަނގަޅުމަގެވެ.
الله سبحانه وتعالي އަޅުގަނޑުމެން އެންމެންނަކީވެސް އަޅުގަނޑުމެންގެ މައިންބަފައިންގެ ރުހުން ލިބިގެންވާ ބައެއް ކަމުގައި ލައްވަވާ، އަޅުގަނޑުމެންގެ މައިންބަފައިންނާއި ދޭތެރޭގައި އޯގާތެރިކޮށް ޢަަމަލުކުރާ އަދި އެމީހުން ދޭ ހެޔޮ ނަޞޭޙަތް އަޑުއަހާ އެއާއި އެއްގޮތަށް ޢަމަލު ކުރާ ބައެއް ކަމުގައި ލައްވާށި! آمين
އަދި އަޅުގަނޑުމެންގެ މައިންބަފައިންގެ ތެރެއިން ދުނިޔެއިން ވަކިވެގޮސްފައިވާ މައިންބަފައިންނަށް الله سبحانه وتعالي ފާފަފުއްސަވާ ހެޔޮ ރަޙުމަތް ލައްވަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި! آمين