Fetured Image
އިސްލާމްދީނުގައި ޙިޖާމާޖެެހުން

ޙިޖާމާގެ ފަރުވާދިނުމުގެ ކުރިންނާއި ފަހުން ކަންކުރުމަށް އިސްލާމީ ތާރީޚްގައި މަޝްހޫރު ބޭސްވެރިންގެ ރައުޔު

ޙިޖާމާ ނުވަތަ ކަވާޖެހުމަކީ ރަސޫލާ ﷺ ގެ އަރިހުން ޘާބިތުވާ ނަބަވީ ބޭސްފަރުވާގެ ވައްތަރެކެވެ. އެތަކެއް ފައިދާއެއް އޭގައި އެކުލެވިފައިވާ މި ފަރުވާ ލިބިގަތުމަށް ހިތްވަރުލިބޭ އެތަކެއް ޙަދީޘް ބަސްފުޅެއް ނަބަވީ ސުންނަތުން ޘާބިތުވެއެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ إِنْ كَانَ فِي شَىْءٍ مِمَّا تَدَاوَيْتُمْ بِهِ خَيْرٌ فَالْحِجَامَةُ ‏”       – ސުނަން އަބީ ދާވޫދު، އަލްބާނީ: ޞަޙީޙް

މާނަ: ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. “ޙިޖާމާއަކީ ތިޔަބައިމީހުން ބޭސްވެރިކަމުގައި ބޭނުންކުރާ ކަންކަމުގެ ތެރެއިން އެންމެ ރަނގަޅު ކަންތަކެވެ.”

މިނޫނަސް މިފަދަ އެތައް ޙަދީޘެއް ނަބަވީ ސުންނަތުން ފެންނަން އެބަހުއްޓެވެ. އަދި، އިތުރު އެކަލޭގެފާނު ޙިޖާމާ ޖެއްސެވިކަމީ ސުންނަތުން ޘާބިތުވާ ކެމެކެވެ.

ފަންނެއް

ނަމަވެސް ޙަދީޘްފުޅުތަކުގައި ޙިޖާމާއަށް ހިތްވަރު ދެއްވާފައި ވުމަކީ، އެއްވެސް އުޞޫލެއްނެތި މިފަރުވާ ހޯދުމަށް ދެއްކިދާނެ ދަލީލެއް ނޫނެވެ. މިއީ ޞިއްޙީ ފަރުވާއެއްކަމުން، ޞަޙާބީންވެސް މި ކަމުގައި ޢަމަލުކުރައްވާފައިވާ ހަމަތަކެއް ހުންނާނެކަން ޔަޤީނެވެ. މިކަންކަން އަޅުގަނޑުމެންނަށް ނޭނގުމަކީ، އެއްވެސް ހަމައެއް ނެތި މިފަދަ ޞިއްޙީ ފަރުވާއެއް ހޯދުމަށް މީސްތަކުންނަށް ހިތްވަރުދޭން ހެޔޮވާނޭ ކަމެއް ނޫނެވެ. 

މިއީ ޢާންމު ޞިއްޙަތާއި ފަރުދުންގެ ފުރާނައާއި ގުޅިފައިވާ ކަމެއްކަމުން، ޞިއްޙީ މިންގަނޑުތަކަކާއި ރައްކާތެރި އުޞޫލްތަކެއްގެ ދަށުން މި ފަރުވާ ތަރުތީބު ވެގެން އަންނަން ޖެހެއެވެ. އަދި މިމަޤްޞަދު ޙާޞިލްވާނޭ އުޞޫލްތަކެއް އެކުލަވާލުމަކީ ނަބަވީ ސުންނަތުގައި ޙިޖާމާއަށް ހިތްވަރު ދެއްވާފައިވާ ޙަދީޘްފުޅުތަކާ ފުށުއަރާ ކަމެއްވެސް ނޫނެވެ. އެހެނީ ނަފްސު ރައްކާތެރިކުރުމުގެ އެންމެހާ ސަބަބެއްގައި ހިފާ، އެމަގަށް ކަންކަން ތަރުތީބު ކުރުމަކީ އިސްލާމް ދީނުގެ ޙުކުމްތައް އޭގެ ވަށައިގެން އެކުލެވިގެންވާ 5 މަޤްޞަދުގެ ތެރެއިން އެންމެ މުހިންމު އެއް މަޤްޞަދެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ” މާނަ: “އަދި ތިޔަބައިމީހުންގެ އަތްތަކުން، ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެއަށް އެއްލާނުލާށެވެ!”

އިސްލާމީ ޙަޟާރަތު ކުރިއަރާ، ޑަކްޓަރީ ޢިލްމު ވަކި ޢިލްމެއްގެ ގޮތުގައި ފުޅާވެ ތަރައްޤީވެގެން ދިޔައިރު، ފާހަގަ ކޮށްލެވުނު ޢިލްމުވެރިންގެ ތެރޭގައި އިބްނު ސީނާ އާއި އަބުލް ޤާސިމް އައް ޒަހްރާވީ، އަދި އަބޫ ބަކްރުއް ރާޒީގެ ނަން ފާހަގަ ކޮށްލަންޖެހެއެވެ.

މި ތިން ބޭފުޅުންނަކީވެސް ބޭސްވެރިކަމާއި ޙިޖާމާގެ ފަންނުގައި ފާހަގަކުރެވޭ ޢިލްމުވެރި ބޭކަލުންނެވެ. 

ޙިޖާމާގެ މާތްކަމާއި އޭގައި ހުރި ފަޟްލާއި، ލިބޭ ފައިދާތައް ބަޔާންކޮށް ނަބިއްޔާ ﷺ ގެ ކިބައިން ވާރިދުވެފައިވާ ޙަދީޘްފުޅުތައް އެބޭކަލުންވެސް ދަނެއެވެ. އެހެން ނަމަވެސް، އެއްވެސް އުޞޫލެއްނެތި މިކަންކަން ކުރެއްވުމުގެ ބަދަލުގައި، އިސްލާމީ ޝަރީޢަތުގެ ޙުމުމްތައް އޭގެ މައްޗަށް ބިނާވާ މަޤްޞަދު ދެނެވަޑައިގެން، ޙިޖާމާގެ ފަރުވާ ހޯދުމުގައި ގެންގުޅެންވާނެ އުޞޫލްތަކާއި ހަމަތައް އެބޭކަލުން ކަނޑައެޅުއްވިއެވެ. މިކަންކަން، އެބޭކަލުން ޑަކްޓަރީ ފަންނުގައި ލިޔުއްވާފައިވާ ފޮތްތަކުގައި މިއަދުވެސް ފެންނަން އެހުރީއެވެ.

އެންމެ ކުރީގެ ފޮތްތަކުން:

އަބުލް ޤާސިމް އައް ޒަހްރާވީ ސަރޖިކަލް މެޑިސިންގެ ފަންނުގައި ލިޔުއްވާފައިވާ ފޮތް “كتاب الزهراوي في الطب لعمل الجراحين” ގައި ބަޔާންކުރައްވާފައިވެއެވެ.

ފެންވަރާ ނިމިގެން އެންމެ މަދުވެގެން 1 ގަޑިއިރު ނުވަތަ 2 ގަޑިއިރު ފާއިތުވުމަށް ފަހުގައި ނޫނީ ޙިޖާމާ ނުޖަހާށެވެ. އަދި ޙިޖާމާ ޖެހުމާއި ވިދިގެން ނިދުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.

އަދި ޙިޖާމާ ޖަހާ ދުވަހު ކެއުންބުއިމުގައި ދިޔާ ތަކެތީގެ ނިސްބަތް އިތުރު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައި ވެއެވެ.

އިބްނު ސީނާ މެޑިސިންގެ ފަންނުގައި ލިޔުއްވާފައިވާ ފޮތް “القانون في الطب” “ޑަކްޓަރީ ބޭހުގެ ހަމަތައް” މި ފޮތުގައި ބަޔާންކޮށްފައިވެއެވެ.

ޙިޖާމާގެ ފަރުވާ ހޯއްދެވުމަށްފަހު، (ބޮޑު ކެއުމަކަށް) ކޭންބައްލަވަން ވާނީ 1 ގަޑިއިރު ފަހުންނެވެ.

ޙިޖާމާގެ ޒަމާނީ ހަމަތައް:

އަންހެން ބޭކަނބަލުން މާބަނޑު ދުވަސްވަރު ޙިޖާމާގެ ފަރުވާ ނުހޯއްދެވުމަކީ ޒަމާނީ މެޑިކަލް ޕްރެކްޓިސްތަކުގައި ބަލައިގެންފައިވާ ހަމައެކެވެ.

އަދި ފަރިއްކުޅުއްވަން ބޭނުންވެލައްވާނަމަ، ޙިޖާމާގެ ފަރުވާ ހޯއްދެވުމުގެ މަދުވެގެން 2 ގަޑިއިރު ކުރިން ކޭންބެއްލެވުމަކީ ޒަމާނީ ބޭސްވެރިކަމުގެ ފަންނުގައި ބަލައިގަނެވިފައިވާ ހަމައެކެވެ.

އަދި އެންމެ ރަނގަޅަށް ޙިޖާމާގެ ފަރުވާ ދޭކަމަށް ބުނަމުންދާ ފަރާތެއް، ގާތުން ކިރުދޭ ކިރުމައެއް ކުޑަދަރިފުޅަށް 6 މަސްވުމުގެ ކުރިން ހަށިގަނޑުގެ ސަރުބީ ދުއްވާލާ ހިކެން ޙިޖާމާ ޖެހޭނެކަމަށް ބުނަމުން ދިއުމަކީ ޙަޤީޤަތެއްގެ ގޮތުގައި ބަލައިގަނެވޭނެ ހަމައެއް ނޫނެވެ. އެހެނީ ސަރުބީ ދުއްވާލެވުމުގެ ބޭނުމުގައި ކަމަށް ވިޔަސް، އެއްވެސް ޙާލަތެއްގައި، ދަރިފުޅަށް 6 މަސް ނުވާ ކިރުމަޔަކު ޙިޖާމަ ޖެހުމަކީ ޒަމާނީ ބޭސްވެރިކަމުގެ ފަންނުގައި ބަލައިގަންނަ ހަމައެއް ނޫނެވެ.  (ޑރ. އައް ސައްޔިދު ޚާލިދު ޤަޠްނާނީ – ހަރބަލް މެޑިކަލް ޑަކްޓަރ)

އަދި ޙިޖާމާއަށް ފަހުގައި އެއްގަމުމަސް (ރެޑް މީޓް) ގެ އެންމެހާ ބާވަތްތަކާއި، ޑެއިރީ ޕްރޮޑަކްޓްތައް ބޭނުން ކުރުން ރަނގަޅުނޫންކަމާއި، 24 ގަޑިއިރު ވަންދެން ފެންވެރުން ރަނގަޅުނޫންކަމާއި، ޙިޖާމާ ޖެހި ސަރަޙައްދުގައި ކަޅުދިރިތެޔޮ ނުވަތަ ޒައިތޫނިތެޔޮ އުނގުޅާލުމަކީވެސް ބަލައިގަނެވިފައިވާ ހަމަތަކެވެ.

ޙިޖާމާއަކީ ދަރިމައި ނުވުމުގެ މައްސަލައަށް މާތް ﷲ ގެ އިރާދަފުޅާއިއެކު، ޝިފާ ލިބޭ ފަރުވާއެކެވެ. ޙިޖާމާގެ ފަރުވާ ހޯއްދެވުމަށްފަހު ވީ އެންމެ އަވަހަކަށް ޖިންސީ ގުޅުން ހިންގުމަކީ މިކަމުގެ ފަރުވާ ލިބުމަށްއޮތް އެންމެ މުޖައްރަބު ގޮތްކަމަށް ދޭހަވާ ގޮތަށް ފޭސްބުކް ޕޯސްޓުތަކުގެ ޒަރީޢާއިން ވިސްނައިދޭން މަސައްކަތްކުރާތީ އަޅުގަނޑުމެން ހިތާމަކުރަމެވެ. ޙިޖާމާގެ ސަބަބުން ހަށިގަނޑަށް އަންނަ ހޯރމޯނަލް ބަދަލު ތަކަކީ ދަރިމައިވުމަށް މަގުފަހިކުރާ އެއް ސަބަބެވެ. ޙިޖާމާ ޖެހުމުގެ ގަޑިއިރުތަކެއް ފަހުން މި ހެޔޮބަދަލުތައް  ހަށިގަނޑަށް ލިބުމަށް މަގުފަހިވެގެންދެއެވެ. މިބަދަލުތައް އަންނަން އޮތް ދުވަސްތަކަށް ދެމިގެން ދެއެވެ. ޑަކްޓަރީ ގޮތުން ބަލައިގަނެވިފައިވާ ހަމައަކީ، ޙިޖާމާގެ ފަރުވާއަށްފަހު 24 ގަޑިއިރު، ނުވަތަ 48 ގަޑިއިރު ދެމަފިރިކަމުގެ ގުޅުން ހިންގުމުން ދުރުވެތިބުން އެއީ އެންމެ ރައްކާތެރިގޮތް ކަމެވެ.

ރައްކާތެރިކަން ކަށަވަރުކުމަކީ އެންމެ އިސް ވާޖިބަށް ހަދަންޖެހޭ

ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި އަބަދުވެސް އެންމެ އިސްކަމެއް ދޭން ޖެހެނީ ޚިދުމަތް ހޯދާ ފަރާތުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށެވެ. އެގޮތުން އެކަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ އަންގި، ތަށި، ކަށި ނުވަތަ ތިލަ ފަދަ ތަކެއްޗަކީ އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލެވޭ ތަކެތި ކަމުގައި ވާންޖެހެއެވެ. އަދި ބެޑްޝީޓް ފަދަ ތަކެއްޗަކީ އެކަކަށް ބޭނުންކުރުމަށްފަހު ދޮވެގެންނޫނީ އެހެންމީހަކަށް ދެވަނަފަހަރު ބޭނުންކުރުން ރަނގަޅުނޫން އެއްޗެއްސެވެ. އަދި ޙިޖާމާގެ ފަރުވާ ދޭ ތަނަކީ ސާފުތާހިރު ތަނެއް ކަމުގައިވެސް ވާންޖެހެއެވެ. މިކަހަލަ ކަންކަމާއި ޚިލާފަށް މިކަން ކުރެވޭނަމަ ގައިންގަޔަށް އަރާ ތަފާތުބަލިތައް ފަސޭހަކަމާއިއެކު ފެތުރިގެން ދިއުމަށް މަގުފަހިވެގެންދެއެވެ. މިފަދަ އުޞޫލުތައް ކަނޑައެޅިފައި މިހުންނަނީ މިކަންކަން ކަށަވަރު ކުރުމަށެވެ. މި ދެންނެވި ގޮތްގޮތާއި ޚިލާފަށް ޙިޖާމާގެ ފަރުވާ ދިނުމަކީ ރަނގަޅު އުޞޫލެއް ކަމުގައި ބަލައިނުގަނެވޭނެއެވެ. 

ޙިޖާމާއަކީ މާއްދީ މަންފާއެއް ހޯދުމަށް ކުރާކަމެއްގެ ބަދަލުގައި، މިއީ ޢާންމުންނަށް ފޯރުކޮށްދެވޭ ޚިދުމަތެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހެއެވެ. މި ޚިދުމަތުގެ ރައްކާތެރިކަމާއި ބައިނަލްއަޤްވާމީ ޞިއްޙީ ހަމަތައް ހިފެހެއްޓުމަކީ އަޅުގަނޑުމެން ޝުބާސް ޙިޖާމާ އެންޑް ހަރބަލް މެޑިސިން ކްލިނިކްގެ މައިގަނޑު އެއް އަމާޒެވެ .

އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމަޢުގައި ޙިޖާމާގެ ފަރުވާދިނުން މިހާރު އަންނަނީ ޢާންމުވަމުންނެވެ. ވުމާއިއެކު ޙިޖާމާ އާއި ގުޅުންހުރި މި ކުޑަ މަޢުލޫމާތުކޮޅަކީ އެންމެހާ ފަރާތްތަކަށް އިންޝާ الله މަންފާކުރަނިވި މަޢުލޫމާތުކޮޅަކަށްވާނެ ކަމުގައި އުންމީދުކުރަމެވެ.

ގުޅުންހުރި އަރޓިކަލްތައް

ޙިޖާމާ ޖަހަން ސުންނަތްކަން ގަދަދުވަސްތައް

ނޮވެމްބަރ 2020 - رَبِيْعُ الأَوّل 1441
03 05 07