Fetured Image
އިސްލާމްދީނާއި މުސްލިމުން

ޢާދުބާގައިގެ މީހުންގެ ނިމުން

ޢާދުބާގައިގެ މީހުން ﷲ އަށް އުރެދި އެކަލާންގެ ނޫން އެހެންފަރާތްތަކަށް އަޅުކަން ކުރުމުގައި ޣާފިލުވުމުން މާތް ﷲ އެބައިމީހުންގެ ގާތަށް އެމީހުންގެ ޤައުމުގެ ބޭކަލެއްކަމުގައިވާ ސަލާމް ލެއްވި ހޫދުގެފާނު ރަސޫކަމާއިގެން ފޮނުއްވިއެވެ. ނަމަވެސް އެބައިމީހުން އެކަލޭގެފާނުގެ ބަސް ޤަބޫލުނުކޮށް އެކަލޭގެފާނަށް ތަޙައްދީކުރިއެވެ.  ދެންއެބައިމީހުނާމެދު ކަންތައްވެގެންދިޔަ ގޮތުގެ ވާހަކަ ކީރިތި ޤުރްއާނުގެ ނައްޞުން ވިދާޅުވާށެވެ. މާތް ﷲ ސޫރަތު ހޫދުގެ 58 -60 މިވާހަކަ ބަޔާން ކުރަށްވާފައިވެއެވެ . 

މާނައީ :” ތިމަން ﷲ ގެ އަމުރުފުޅު އައި ހިނދު ހޫދު ޢަލައިހިއްސަލާމް އާއި، އެނާގެ އަރިހުގައި، އީމާންވެގެންތިބި މީހުން ، ތިމަން ﷲ ގެ ރަޙްމަތާއި، އެކު ސަލާމަތް ކުރަށްވައި، އަދި ގަދަފަދަ ވެގެންވާ، ޢަޛާބުން ތިމަން ﷲ އެބައިމީހުން ސަލާމަތްކުރެއްވީމެވެ. އެއީ     ( އެބަހީ : ކާފިރުވީ މީހުން ނަކީ ) ޢާދު ބާގައިގެ މީހުންނެވެ، އަދި އެބައި މީހުން އެބައި މީހުންގެ ވެރި  ﷲ ގެ އާޔަތްތަކަށް އިންކާރުކޮށް ދެކޮޅުހެދިއެވެ. އަދި އެކަލާންގެ ފޮނުއްވި ރަސޫލުންނަށް އުރެދުނެވެ. އަދި އަނިޔާވެރި   ( ބާރު ގަދަ ) ކޮންމެ ޖައްބާރެއްގެ އަމުރަށް ތަބަޢަ ވިއެވެ. މިދުނިޔޭގައިވެސް، އަދި ޤިޔާމަތް ދުވަހުންވެސް، އެބައިމީހުންނަށް ލަޢުނަތް ލެއްވުނެވެ. ދަންނާށެވެ! ހަމަކަށަވަރުން ޢާދުބާގައިގެ މީހުން އެބައިމީހުންގެ ވެރިރަސްކަލާންގެ ކިބައަށް ކާފިރުވިއެވެ. ދަންނާށެވެ ! ޢާދު ބާގައިގެ މީހުންނަށް ހަލާކާއި ނެތިދިއުން ހުއްޓެވެ. އެއީ ހޫދުގެ ފާނުގެ ޤައުމުގެ މީހުންނެވެ.” 

މިއީ ޙަޤީޤީ ވާހަކައެކެވެ. ރަސޫލު ބޭކަލުންގެ ރިސާލަތުތަށް ބިނާވެގެންވަނީ ތަޢުޙީދުގެ މަތިވެރި އަސާސުގެ މަތީގައެވެ. އެއީ އިންސާނިއްޔަތަށް ފަލާޙާއި ކާމިޔާބު ލިބުގަތުމަށްޓަކައެވެ. ފުރިހަމަ ޢަޤީދާއެއްގެ ވެރިބަޔަކަށް ވެގެން ނޫނީ މުޖުތަމަޢުގައި ހަމަޖެހުމެއް ޤާއިމު ނުކުރެވޭނެއެވެ. އެ ޢަޤީދާއަކީ ﷲ ގެ އެއްކައުވަންތަކަން ހިތުގެ އަޑިން ޤަބޫލުކޮށް އެއާ އެއްގޮތަށް ތިމާމެންގެ ޢަމަލުތަށް ބެހެއްޓުމެވެ. ނޫންމަ، އެކަމުގައިވަނީ ބަދުނަސީބުކަމެވެ. 

އަޅުގަނޑުމެން ދެދުނިޔޭގެ ބާއްޖަވެރިކަން ބޭނުންނަމަ ﷲ އެންގެވިގޮތަށް ޢަމަލުތަށް ސީދާކުރަމާ ހިނގަވާށެވެ. 

މިލިޔުމަކީ ނޫރުލް އިސްލާމް ވެބްސައިޓްގަ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ލިޔުއްވާފައިވާ އަރޓިކަލް އެކެވެ.